ވިޔަފާރި

އުރީދޫން ރާއްޖެއަށް އޮއްޕޮ ފޯނު ރަސްމީކޮށް ތައާރަފުކޮށްފި

މަރިޔަމް ޝަހުދާ

3

އޮއްޕޯ ކުންފުންޏާއި އުރީދޫ މޯލްޑިވްސް ގުޅިގެން ރާއްޖޭގައި އޮއްޕޯ ސްމާޓް ފޯނު ރަސްމީކޮށް ތައާރަފު ކޮށްފިއެވެ.

އުރީދޫން އޮއްޕޯ ސްމާޓް ފޯނު ރާއްޖޭގައި ރަސްމީކޮށް ތައާރަފުކުރީ އިއްޔެ އެވެ.

އެގޮތުން އިއްޔެ ރާއްޖެއަށް ތައާރަފު ކޮށްފައިވާ އޮއްޕޯ ފޯނު ތަކުގެ ތެރޭގައި އޮޕޯ ރެނޯ2 އެފް، އޮޕޯ އޭ1ކޭ އަދި އޮޕޯ އޭ5 2020 ހިމެނޭ ކަމަށް އުރީދޫން ބުނެއެވެ.

އޮއްޕޯ ބްރޭންޑްގެ މިފޯނުތައް ރަނގަޅު އަގެއްގައި މިހާރު އުރީދޫން ގަންނަން ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި މި ފޯނުތައް ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން އުރީދޫން ވަނީ ވަކި ޕެކޭޖުތަކެއް ސް ތައާރަފު ކޮށްފައެވެ.

އެގޮތުން އުރީދޫން ވަނީ އެ ކުންފުނިން އޮއްޕޯ ބްރޭންޑްގެ ފޯނު ގަންނަ ފަރާތްތަކަށް ވަކި ދެ ޕްލޭނެއް ތައާރަފުކޮށްފައެވެ. އެއީ ފުލް ޕޭމްންޓް ޕްލޭން އަދި މަހުން މަހަށް ފައިސާ ދެއްކުމަށް އިންސްޓޯލްމަންޓް ޕްލޭނެކެވެ.

އުރީދޫގެ މި ޕްލޭންގެ ދަށުން ރެނޯ2 އެފް ފޯނު ގަންނަ ކޮންމެ ފަރާތަކަށް ސޯޝަލް މީޑިއާއަށް ހާއްސަ ދެޖީބީ ހިލޭ ޑޭޓާގެ އިތުރުން ޖޭބީއެލް ޓިއުން 115ބީޓީ ގެ ވަޔަރލެސް ހެޑްސެޓެއް ހިލޭ ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. އަދި މި ޕްލޭންގެ ދަށުން ގަންނަ ކޮންމެ އޮއްޕޯ އޭ1ކޭ އަދި އޮޕޯ އޭ5 2020 ފޯނަކާ އެކު ސޯޝަލް މީޑިއާއަށް ހާއްސަ އެއްޖީބީ ހިލޭ ޑޭޓާ ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

ފުލް ޕޭމަންޓް ޕްލޭންގެ ދަށުން ފޯނު ގަންނަ ފަރާތްތަކަށް އޮއްޕޯ އޭ1ކޭގެ 32 ޖީބީގެ ފޯނު 2499 ރުފިޔާއަށް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. އަދި މި ޕްލޭންގެ ދަށުން 128 ޖީބީގެ އޮއްޕޯ އޭ5 2020 ގަންނަ ފަރާތްތަކަށް 4999 ރުފިޔާއަށް ފޯނު ގަނެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އަދި އޮޕޯ ރެނޯ2 އެފް 128 ޖީބީގެ ފޯނު މި ޕްލޭންގެ ދަށުން ވިއްކަނީ 8249 ރުފިޔާއަށް ކަމަށް ވެސް އުރީދޫން ބުނެއެވެ.

މަހުންމަހަށް ފައިސާ ދައްކާ ގޮތަށް އުރީދޫން ތައާރަފު ކުރި ޕްލޭނުގެ ދަށުން ހަ މަހަށް ބަހާލައިގެން ފޯނަށް ފައިސާ ދެއްކޭނެ ކަމަށް އުރީދޫން ބުނެއެވެ. އެގޮތުން އެންމެ ކުޑަ އަދަދަކަށް މަހަކަށް ދެއްކޭނީ 333 ރުފިޔާ ކަމަށް އުރީދޫން ބުނެއެވެ.

އޮއްޕޯ ކުންފުންޏަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ޓެކްނޮލޮޖީގެ އާލާތްތައް އުފައްދާ ކުންފުންޏެއްގެ ގޮތުގައި ބައިނަލްއަގުވާމީ ޓެކްނޮލޮޖީ ދާއިރާގައި ކުރިއެރުންތައް ހޯދާފައިވާ ކުންފުންޏެކެވެ. އަދި އޮއްޕޯ ކުންފުންޏަކީ ފޯނުގެ ފޮޓޯގްރަފީއަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން އީޖާދީ ސްމާޓްފޯނު ނެރޭ، މީހުންގެ މަގުބޫލުކަން ހޯދާފައިވާ ކުންފުންޏެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟