ޓީރެކްސް ބާސްކެޓްބޯލް ކްލަބު ބަލިކޮށް، ކިންގްސް ބާސްކެޓްބޯލް ކްލަބުން ގައުމީ ބާސްކެޓްބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްފިއެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު ގައުމީ މުބާރާތުގެ ފައިނަލް މެޗުގައި ކިންގްސް އިން ޓީރެކްސް ބަލިކުރީ 82-75 ޕޮއިންޓުންނެވެ. މިއަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގު ވެސް ކިންގްސް އިން ކާމިޔާބުކުރީ ޓީރެކްސް ބަލިކޮށްގެންނެވެ.
ރޭ ކުޅުނު މެޗުގެ ފުރަތަމަ ތިން ކުއާޓަރުގައި ކުރީގައި އޮތީ ޓީރެކްސްއެވެ. ޓީރެކްސް އިން ފުރަތަމަ ކުއާޓަރު ނިންމާލީ 16-30 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. ދެވަނަ ކުއާޓަރު 32-50 ޕޮއިންޓުން ކުރީގައި އޮވެގެން ނިންމާލި އިރު، ޓީރެކްސް އިން ތިންވަނަ ކުއާޓަރު ނިންމާލީ 55-62 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.
ފަހު ކުއާޓަރުގައި ކިންގްސް އިން ވަނީ މޮޅު ކުޅުމެއް ދައްކައި، ފަހުވަގުތު ޓީރެކްސްގެ މައްޗަށް ކުރި ހޯދައިފައެވެ. ކިންގްސް އިން ފަހު ކުއާޓަރު ނިންމާލީ 12 ޕޮއިންޓުގެ ލީޑެއްގައި އޮވެގެންނެވެ.
އެ މެޗުގައި ކިންގްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އެޓީމަށް 34 ޕޮއިންޓް ހޯދައިދިން ބިދޭސީ ކުޅުންތެރިޔާ އާރޮން ޖޯންސް ޑެކޮރޭއެވެ. އަދި ޓީރެކްސްއަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ އެޓީމަށް 17 ޕޮއިންޓު ހޯދައިދިން ހުސައިން ހަލީމެވެ.