ޖުމްހޫރީ ޕާޓީ

ކަނޑިތީމު ދާއިރާގެ މެންބަރާއި މާވަށު ދާއިރާގެ މެންބަރު ޖޭޕީ އަށް ސޮއިކުރައްވައިފި

ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިއްބެވި، ރައްޔިތުންގެ މަޖިލިހުގެ ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިން އާއި މާވަށު ދާއިރާގެ މެންބަރު އަހުމަދު އަޒްހާން ފަހުމީ ޖުމްހޫރީ ޕާޓީ އާ ގުޅިވަޑައިގެންފި އެވެ.

ދެ މެންބަރުން ޕާޓީއަށް ސޮއި ކުރައްވާފައިވަނީ މިރޭ ކުނޫޒުގައި ބޭއްވުނު ޖަލްސާއެއްގައެވެ.

ސޮއި ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މެންބަރު މުހައްމަދު ހުސެއިން ވިދާޅުވީ 2014 ވަނަ އަހަރު މަޖިލީހަށް ކުރިމަތިލެއްވީވެސް ޖޭޕީގެ ޓިކެޓުގައި ކޯލިޝަން ތެރެއިން ކަމަށާއި ނަމަވެސް ފަހުން ކަން ދިމާވި ގޮތުން ޕާޓީ އާ ދުރުވެ އޭރު އޮތް ސަރުކާރާ އެކު މަސައްކަތް ކުރުމަށް ނިންމެމީ ދާއިރާގެ ރައްޔިތުންނަށް ކަން ކަން ހާސިލް ކޮށްދެއްވުމަށެވެ.

"އެ ސަރުކާރު މިއަދު ވަނީ ސަރުކާރުގެ އުމުރު ހަމަ ވުމަށްފަހު ސަރުކާރު ނިމިފައި. އެހެން ކަމަށް ވުމާއެކު ތޮބީއީ ގޮތުން އަޅުގަނޑު އެނބުރި އައިސް ހުންނާނީ ޖޭޕީގައި" މެންބަރު މުހައްމަދު ހުސެއިން ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ މެންބަރުން ޖޭޕީއަށް ގުޅިވަޑައިގަތުމަކީ ކުރަމުން ދާ މަސައްކަތުގައި އިތުރު ކުރިއެރުމާއި ކާމިޔާބީތައް ލިބެމުންދާކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ހިތް އޮތީ މިއަދު އަޅުގަނޑުމެން އިސްލާހަށް ހުޅުވިފައި މިވަނީ ކުޑަ ދޮރެއް ނޫނެވެ. ތަން މިނަށް ހުޅުވާފަވާ ބޮޑު ދޮރެއް މީ. އެ ދޮރުގެ ފޮތި ގަނޑު އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ކަހާއެއް ނުލާނަން. ލައްޕައެއް ނުލާނަން." ގާސިމް ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރި ނަމަވެސް ގޮނޑި ގެއްލޭ ގޮތަށް ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމާއެކު މަޖިލީހުގެ ގިނަ މެންބަރުންތަކެއް ދަނީ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވަމުންނެވެ.