އޭއެފްސީ ކަޕް

ވަރުގަދަ ބެންގަލޫރު ކަޓުވާލުމަށްފަހު، މާޒިޔާ އިން އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުން ފުރުސަތު ހޯދައިފި

އިންޑިއާގެ ބެންގަލޫރު އެފްސީ ކަޓުވާލުމަށްފަހު، ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އޭއެފްސީ ކަޕްގެ ގްރޫޕު ސްޓޭޖުން ފުރުސަތު ހޯދައިފިއެވެ.

އިންޑިއާގައި މިރޭ މާޒިޔާއާ ދެކޮޅަށް ކުޅުނު އޭއެފްސީ ކަޕްގެ ޕްލޭއޯފް ބުރުގެ ދެވަނަ ލެގު މެޗުން ބެންގަލޫރު މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން ރާއްޖޭގައި ކުޅުނު ފުރަތަމަ ލެގު މެޗު މާޒިޔާ އިން ވަނީ 2-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. މާޒިޔާ އާއި ބެންގަލޫރު 4-4ގެ އެގްރިގޭޓުން އެއްވަރުވުމުން ޕެނަލްޓީ ޝޫޓްއައުޓްއަށް ދާން ޖެހުނެވެ. މާޒިޔާ އިން ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދީ ޕެނަލްޓީ ޝޫޓްއައުޓްގައި ކުރި ހޯދައިގެންނެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބެންގަލޫރުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ބެންގަލޫރުގެ އޮސްޓްރޭލިއާ މިޑްފީލްޑަރު އެރިކް ޕާޓަލޫއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ، މާޒިޔާގެ އަފްޣާނިސްތާނު ކީޕަރު އޯވޭސް އަޒީޒީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ބެންގަލޫރަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ނިޝޫ ކުމާރު ނަގައިދިން ހުރަހަކުން ބެންގަލޫރުގެ ޖެމެއިކާ ފޯވަޑް ޑިޝޯން ބްރައުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ބެންގަލޫރުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ނިޝޫ ކުމާރު ނަގައިދިން ހުރަހަކުން ބެންގަލޫރަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑެޝޯން ބްރައުންއެވެ. މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

މެޗުގެ 74 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ސްޓެވާޓް ކޯނެލިއަސް ދިން ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ބެންގަލޫރުން ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ބެންގަލޫރަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވަޑް ސުނިލް ޗެތުރީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް މާޒިޔާގެ ކީޕަރު އަޒީޒީ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިންނެވެ. ޗެތުރީއަށް އެ ބޯޅަ ލިބުނު އިރު، މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރޭ އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-1ގެ ނަތީޖާއަކުން ކުރީގައި އޮތީ ބެންގަލޫރެވެ. ނަމަވެސް 2-2ގެ އެގްރިގޭޓުން ދެ ޓީމު އެއްވަރުވެ، އަވޭ ގޯލުން ވެސް އެއްވަރުވެފައިވުމުގެ ސަބަބުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ތެރޭގައި މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ދިން ރީތި ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް ސްޓެވާޓް ކޯނެލިއަސްއެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ސްޓެވާޓް ފޮނުވާލި ހަމަލާ އަމާޒުވީ ބެންގަލޫރު ގޯލުގެ ތިރީ ކަނަކަށެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފުގައި ބެންގަލޫރުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ހިލޭ ޖެހުމަކުން ބެންގަލޫރަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޗެތުރީއެވެ.

އިތުރު ވަގުތުގެ ދެ ހާފަށްފަހު 4-4ގެ އެގްރިގޭޓުން ދެ ޓީމު އެއްވަރުވުމުން ޕެނަލްޓީ ޝޫޓްއައުޓުން ނަތީޖާ ނެރެން ޖެހުނެވެ. ޕެނަލްޓީގައި މާޒިޔާ މޮޅުވީ 4-3ގެ ނަތީޖާއަކުންނެވެ.

އޭއެފްސީ ކަޕުގައި މާޒިޔާ ވާދަކުރަން ޖެހޭނީ "ގްރޫޕު އީ"ގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ އިންޑިއާގެ ޗެމްޕިއަން ޗެންނާއީ އެފްސީ އާއި ބަންގުލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަދި ރާއްޖޭގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބެވެ.