އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ކަޕުން ރާއްޖެ ސަސްޕެންޑު ވެފައި ވާތީ އެ މައްސަލަ ބެލުމަށް ކޮމިޓީ އެއް އެކުލަވާލަން ނިންމާފައިވާ ކަމަށް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅު ވެއްޖެއެވެ.
މަހްލޫފު ރޭ ކުރެއްވި ޓުއީޓުގައި ވިދާޅުވީ ފުޓުބޯޅައަކީ ދައުލަތުން ބޮޑު ހޭދައެއް ކުރާ ކުޅިވަރަކަށް ވުމުން، އޭއެފްސީ ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލިގެން ގޮސްފައިވާތީ، މެދުވެރިވި ސަބަބު ބަލާ އަދި އިސްލާހު ކުރަންޖެހޭ ކަންކަން ބެލުމަށް ކޮމިޓީ އެއް އެކުލަވާލަން ނިންމަވާފައިވާ ކަމަށެވެ.
މަހްލޫފުގެ ޓުއީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ކޮމިޓީގެ މަސައްކަތް ކުރިއަށް ދާނީ މޯލްޑިވްސް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) އާއި ކްލަބް ތަކުގެ ބައިވެރިވުމާވެސް އެކުގައި ކަމަށެވެ.
އެފްއޭއެމުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭއެފްސީން ފުޓްބޯޅަ ކްލަބްތަކަށް ދޭ ލައިސެންސް މިއަހަރު ރާއްޖޭގެ އެއްވެސް ކްލަބަކަށް ލިބިފައިނުވަނީ ކްލަބް ތަކުން ޑޮކިއުމެންޓްތައް ހަވާލުކޮށްފައި ނުވުމުގެ ސަބަބުންނެވެ. އެފްއޭއެމް އިން ބުނީ ކްލަބް ލައިސެންސިން ސިސްޓަމްގައި އެ އެސޯސިއޭޝަންގެ ދައުރަކީ މޮނިޓަރ ކުރުން ކަމަށެވެ.
އޭއެފްސީގެ ކްލަބް ލައިސެންސިން ސިސްޓަމް ތައާރަފުކޮށްފައި ވަނީ 2016 ވަނަ އަހަރުގައެވެ. އޭއެފްސީއިން ތައާރަފް ކުރި އެ ސިސްޓަމްއާއެކު ކްލަބް ލައިސެންސް ނެތް ކްލަބްތަކަށް މުބާރާތުގައި ބައިވެރިއެއް ނުވެވޭވެއެވެ. އަދި އެ ސިސްޓަމަށް އަމަލު ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގައެވެ.
އެ ސިސްޓަމް އަށް ޑޮކިއުމެންޓްތައް ހަމަކޮށް އެތަކެތި އަޕްލޯޑް ކުރުމަށް ކޮންމެ ކްލަބަކަށް އޮންލައިން ޕޯޓަލްއެއް ދެވިފައިވާނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.
އޭއެފްސީގައި ރާއްޖެ އެސޯސިއޭޓް މެމްބަރެއްގެ ގޮތުގައި ހިމެނިފައިވަނީ 1984 ވަނަ އަހަރުގައެވެ. އަންނަ އަހަރަކީ އޭއެފްސީގެ ބޮޑު އަހަރެކެވެ. އެގޮތުން އަންނަ އަހަރަކީ އޭއެފްސީގެ އިންތިހާބީ އަހަރެވެ.