ރައްޔިތުންގެ މަޖިލިސް

މަކުނުދޫ ހެލްތު ސެންޓަރުގައި ޑޮކްޓަރު އިށީންނާނެ ތަން ހުރިކަމަށް ވިދާޅުވެ މަޖިލިސް ރައީސްގެ ނުރުހުން އަމީނަށް

އިބްރާހިމް ޒަކީ

1

ހދ. މަކުނުދޫ ހެލްތު ސެންޓަރުގައި ޑޮކްޓަރު އިށީންނާނެ ތަން އެބަހުރި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ނުރުހުން ފާޅު ކުރައްވައި ރައްދު ދެއްވައިފައެވެ.

މަޖިލިސް ރައީސް މިނިސްޓަރަށް އަމީނަށް ރައްދު ދެއްވީ، މަކުނުދޫގައި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރެއް ހަމަޖައްސަވައިދެއްވުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ވައުދުފުޅެއް ކަމަށް ވިދާޅުވެ، އެ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހެލްތު މިނިސްޓަރާ ކުރެއްވި ސުވާލަށް ދެއްވި ޖަވާބާ ގުޅީގެންނެވެ.

މެންބަރު ރާއީ މިނިސްޓަރާ ސުވާލު ކުރެއްވީ ރައީސްގެ ވައުދުފުޅަށް އަހަރެއް ވެގެންދިޔައިރުވެސް އެކަން ނުވެ ވަނީ ކީއްވެތޯއެވެ.

ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، މަކުނުދޫ ސިއްހީ މަރުކަޒަށް އަންހެނުންގެ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއް އިތުރު ކުރުމުގެ މަސައްްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އައިއިރު ރަށުގެ ސިއްހީ މަރުކަޒުގައި ހުރިީ ބަލި މީހުން ބަލާ އެންމެ ކޮޓަރިއެއް ކަމަށާއި، 2019 އަހަރުގެ ބަޖެޓުގައި ފައިސާ ނެތުމުން މަރުކަޒުގެ އިމާރާތަށް ބަދަލު ނުގެނެވުނީ ކަމަށެވެ. އަދި މިއަހަރަށް ބަޖެޓު ކުރެވި ސިއްހީ މަރުކަޒަށް ގެންނަ ބަދަލު ކުރަހައި ނިމި، މިއަހަރު އޮންނަ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކާ އެމަސައްކަތް ހަވާލުކުރަން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އަދި އެ މަސައްކަތް ނިމި ޖާގަ އިތުރުވުމުން ޑޮކްޓަރުންގެ ހިދުމަތް ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، އެމަނިކުފާނު އެއްސެވީ، މަކުނުދޫގައި ޑޮކްޓަރެއް ނެތުމުން ކަމާ ބެހޭ ގޮތުން މެންބަރު ސުވާލު ކުރެއްވި އަޑު ކަމަށާއި، ނަމަވެސް ވަޒީރު ދެއްވި ޖަވާބުން ދޭހަ ވަނީ، އިންނާނެ ތަނެއް ނެތިގެން ޑޮކްޓަރުގެ ހިދުމަތް ނުދެވޭ ވާހަކަ ކަމަށެވެ.

ނަމަވެސް މަކުނުދޫ، ހެލްތު ސެންޓަރަށް އެމަނިކުފާނު އެތައް ފަހަރަކު ވަޑައިގެންނެވި ކަމަށާއި، އެތަނުގައި ޑޮކްޓަރެއް އިށީންނާނެ ތަން އެބަ ހުރި ކަމަށެވެ. އަދި އެތަނުގެ ވިހާ ކޮޓަރީގައި މީގެ ދިހަ އަހަރު ކުރިންވެސް މީހަކު ވިއްސާފައި ނުވާ ކަމަށާއި، އެކަމަކު އެއީ ފުރިހަމަޔަށް ހުރި ވިހާ ކޮޓަރިއެއް ކަމަށް ވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އަދި ކޮންސަލްޓޭޝަން ކޮޓަރިއެއް ނެތިގެން ހިދުމަތް ނުދެވޭނެ ކަމަށް މަޖިލީހުގައި ފާހަގަ ވުމަކީ މުޅިން ރަނގަޅު ގޮތް ނޫން ކަމަށެވެ.

"ކަންދިމާވެފައިވާ ގޮތުން އަޅުގަނޑަށް ވަނީ މަކުނުދޫ، ހެލްތު ސެންޓަރަށް ލައްކަ ފަހަރު ދެވިފަ އަޅުގަނޑުގެ ހިތް ބުނާގޮތުގައި، އަޅުގަނޑަށް ފެނިފަ ހުރި ތަނުގައި އެތަނުގައި ޑޮކްޓަރެއް އިށީންނާނެ ތަން ހަމަ އެބައޮތް، އެތަނުގެ ވިހާ ކޮޓަރީގައި އެންމެ ފަހުން މީހަކު ވިއްސާފައި، އަޅުގަނޑު ދިޔައިރުގައި ނެތް މިދިޔަ ދިހަ އަހަރުވެސް، އެކަމަކު ފުރިހަމަޔަށް ހުރި ވިހާ ކޮޓަރިއެއް އެބަހުރި، އަދި ކޮންސަލްޓޭޝަން ކޮޓަރިއެއް މަކުނުދޫގައި ނެތިގެން އަޅުގަނޑު ހިތް ބުނަނީ އެއީ އެތާނގައި ހިދުމަތް ނުދެވޭނެ ކަމަށް މި މަޖިލީހުގައި ފާހަގަ ވުމަކީ މުޅިން ރަނގަޅު ގޮތެއް ނޫނޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟