އަރްޖުން ކަޕޫރު އާއި މަލައިކާ އަރޯރާ ގުޅިގެން އުޅޭ ކަމުގެ ވާހަކަތައް ދެކެވޭ ތާ ދުވަސްތަކެއް ވެފައިވާއިރު އަދިވެސް ދެފަރާތުން ވެސް ރަސްމީކޮށް އެކަމާ ގުޅޭ ގޮތުން ބަހެއް ބުނެފައި ނުވެއެވެ. ނަމަވެސް އަރްޖުން އާއި މަލައިކާ އެކީ ވަރަށް ގިނައިން ފެނިގެން ގޮސްފައިވާއިރު، އަންނަ އަހަރު ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.
ކަރަން ޖޯހަރުގެ ކޮފީ ވިތް ކަރަން ޕްރޮގްރާމަށް އަރްޖުން އޭނާގެ ކޮއްކޮ ޖާންވީ ކަޕޫރު އާ އެކު ވަނީ މި ދޭތެރެއަކުން ގެސްޓުން ގޮތުގައި އަރާފައެވެ. އެ ޕްރޮގްރާމުގައި ކަރަން ވަނީ އަރްޖުންގެ ޒާތީ ދިރިއުޅުމާ ގުޅޭ ގޮތުން ސުވާލު ކޮށްފައެވެ. ރަސްމީކޮށް މަލައިކާ އާ ރައްޓެހިވެގެން އުޅޭ ކަމަށް ޕްރޮގްރާމުގައި އަރްޖުން ނުބިނި ނަމަވެސް އޭނާވަނީ ސިންގަލް ނޫން ކަމަށް ބުނެފައެވެ. ޖާންވީ އަށް މި ޖަވާބު ވެގެން ގޮސްފައިވަނީ ޝޮކަކަށެވެ.
ޕްރޮގްރާމް ތެރެއިން ކައިވެނި ކުރަން ތައްޔާރުތޯވެސް ވަނީ އަރްޖުން ގާތު ކަރަން އަހާފައެވެ. އަރްޖުން ބުނި ގޮތުގައި ކުރިން އޭނާ ކައިވެންޏަށް ތައްޔާރު ނޫން ކަމަށާއި، މިހާރު ކައިވެނި ކުރަން ތައްޔާރު ކަމަށެވެެ.
އަރްޖުން އަދި މަލައިކާގެ ފޭނުން މިހާރު ތިބީ އެ ދެތަރިން ރަސްމީކޮށް އެމީހުންގެ ގުޅުން ފޭނުންނާ ހިއްސާ ކުރާނެ ވަގުތެއްގެ އިންތިޒާރުގައެވެ.