އިބްރާހިމް ޒަކީ
ސިޔާސީ ނުފޫޒުގެ ވަކިތަކުން ރާއްޖޭގެ ޝަރުއީ ނިޒާމް މިނިވަން ކުރުމަށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ސަރުކާރަށް ގޮވާލައްވައިފިއެވެ.
މެންބަރު ސަލީމް މިކަމަށް ގޮވައިލެއްވީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައި ދެއްވުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ރިޔަސީ ބަޔާނަށް ޖަވާބު ދެއްވަމުންނެވެ.
ނުވައަަހަރަށްފަހު ފުރަތަމަ ފަހަރަށް ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން، ސަލީމް ވިދާޅުވީ، ރާއްޖޭގައި އިޖުތިމާއީ އަަދާލަތު ގާއިމްކޮށް، ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރެވޭނީ، އަދި ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު އުފެއްދޭނީ އިހުލާސްތެރިކަމާއެކު، ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ފުރުސަތު ދީގެން ކަމަށެވެ.
އަދި އެކަންތައް އެގޮތަށް ދާނީ، ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓައިލި ދުވަހަކުންނެވެ. އަދި އެކަމަން ކުރުމަށްޓަކައި ސިޔާސި ވަކިތަކުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސަލާމްތް ކުރަންޖެހޭ ކަމަށާއި، ޖޭއެސްސީ ގައި ސިޔާސީ މީހުންތިބޭހާ ދުވަހަކު ރާއްޖޭގެ ޝަރުއީ ނިޒާމު ސިޔާސީ ނުފޫޒުން ސަލާމަތް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ޝަރުއީ ނިޒާމު މިނިވަން ކުރުމަށްޓަކައި ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރަންޖެހޭ ކަމަށް ވިދާޅުވެ، އެކަމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ސަލީމް ސަރުކާރަަށް ގޮވައިލެއްވިއެވެ.