އަލީ ޔާމިން
ދިވެހި ޓްރޭޑް ކުރެޑިޓް ބޮންޑްގެ ނަމުގައި ދިވެހި އިންޝުއަރެންސް ކުންފުނިން އާ ހިދުމަތެއް ތައާރަފުކޮށްފިއެވެ.
މި ހިދުމަތް ތައާރަފު ކޮށްފައިވަނީ ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ދަރުބާރުގޭގައި ރޭ ބޭއްވި ގޯލްޑް 100 ގާލާ ނައިޓުގައެވެ.
މި ބޮންޑާ ބެހޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ދިވެހި އިންޝުއަރެންސްގެ ހެޑް އޮފް މާކެޓިން، ޝާޔަން ޝާހިދު ވިދާޅުވީ، ދިވެހި ޓްރޭޑް ކުރެޑިޓް ބޮންޑަކީ ސަޕްލަޔަރުންނަށާއި ކޮންޓްރެކްޓަރުންނަށް ވިޔަފާރިތައް މެނޭޖުކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ބޮންޑެއް ކަމަށެވެ. އަދި ޓްރޭޑް ކްރެޑިޓް ބޮންޑްގެ ޕާޓްނާޝިޕް އެގްރީމެންޓްގައި ދިވެހި އިންޝުއަރެންސާ އެކު ސޮއިކޮށްފައިވާ ސަޕްލަޔަރުންގެ އަތުން ވަކި މުއްދަތަކަށް ކަސްޓަމަރުންނަށް ކްރެޑިޓަށް މުދާ ނެގިދާނެ ކަމުގައި ޝާޔަން ވިދާޅުވިއެވެ.
ޓްރޭޑް ކްރެޑިޓް ބޮންޑްގެ ޕާޓްނާޝިޕް އެގްރީމެންޓްގައި ދިވެހި އިންޝުއަރެންސާއެކު އެންމެ ފުރަތަމަ ސޮއިކުރީ ސޮނީ ހާޑްވެއާ އެވެ. ދިވެހި އިންޝުއަރެންސުން ބުނީ ކުރިއަށް އޮތް ތާނގައި ގިނަ ސަޕްލަޔަރުން އެ ބޮންޑުގައި ހިމެނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރުވެސް އެޕޯލޯ އަދި ވެލިގާ ހާޑްވެއާއާ ވާހަކަ ދައްކަމުން އަންނަ ކަމުގައިި ދިވެހި އިންޝުއަރެންސުން ބުނެއެވެ.