މަޖިލީހުގެ ރައީސް

ބިލްތައް އަވަހަށް ނިންމުމަށް ރޭގަނޑުވެސް ކޮމިޓީ ބައްދަވުންތައް ބޭއްވުމަށް މަޖިލިސް ރައީސް އެދިވަޑައިގެންފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ އެކި މަރުހަލާތަކުގައި ގިނަ ބިލްތަކެއް އެބަހުރި ކަމަށާއި، އެ ބިލްތައް ވީ އެންމެ ވަހަކަށް ނިންމުމަށް ރޭގަނޑު ވެސް ކޮމިޓީ ބައްދަވުނުތްތައް ބާއްވައިގެން މަސައްކަތް ކުރިއަށް ގެންދެވުމަށް، ކޮމިޓީތަކުގެ މުގައްރިރުންގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދި ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތަކުގައި 18 ބިލެއްގެ މަސައްކަތް އެބަ އޮތް ކަމަށާއި، އޭގެ ތެރެއިން އެންމެ ގިނަ ބިލް އޮތީ، އިގުތިސާދީ ކޮމިޓީގައި ކަމަށެވެ. އެހެންކަމުން ހާއްސަ ގޮތެއްގައި އިގުތިސާދީ ކޮމިޓީ އާއި އެހެންވެސް ގިނަ ބިލްތަކުގެ މަސައްކަތް ހިމެނޭ ކޮމިޓީތަކުން އެ ބިލްތަކުގެ މަސައްކަތްތައް ނިންމެވުމަށް މަޖިލިސް ރައީސް އެދި ވަޑައިގެންނެވިއެވެ.

ކޮމިޓީތަކުގައި ބިލްތައް ހުރި އަދަދުތަކުގެ ތަފްސީލް މަޖިލީހަށް އިއްވަވައި ދެއްވުމަށް މަޖިލިސް ރައީސް އަމަންއާއްމަށް ދެންނެވިއެވެ. އަމީން މަޖިލީހަށް އިއްވެވި ތަފްސީލުތަކަށް ބަލާއިރު، އެންމެ ގިނަ ބިލްތައް ހިމެނެނީ އިގްތިސާދީ ކޮމިޓީ އާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައެވެ.

އިގްތިސާދީ ކޮމިޓީގައި ފަސް ބިލްގެ މަސައްކަތް އޮތްއިރު މިނިވަން މުއައްސާތަކުގެ ކޮމިޓީގައި ހަތަރު ބިލެއްގެ މަސއްކަތް އެބައޮތެވެ. ޖުޑީޝަރީ ކޮމިޓީއާއި ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުރެ ކޮންމެ ކޮމިޓީއެއްގައި ދެ ބިލުގެ މަސައްކަތް އޮތްއިރު، މާލިއްޔަތު ކޮމިޓީ އާއި އިޖުތިމާއީ ކޮމިޓީ އާއި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އާއި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި އެންވަޔަރަމަންޓް ކޮމިޓީން ކުރެ ކޮންމެ ކޮމިޓީއެއްގައި އޮތީ އެންމެ ބިލެއްގެ މަސައްކަތެވެ. އަދި މަޖިލީހުގެ ފުރަތަމަ ކިޔުމުގެ މަރުހަލާގައި ދެ ބިލަކާއި އިބްތިދާއީ ބަހުސްގެ މަރުހަލާގައި 11 ބިލް އަދި ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި ހަ ބިލް އެބަ އޮތް ކަމަށްވެސް އަމީން އާއްމު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ބިލްތަކުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަން ރޭގަނޑުވެސް ކޮމިޓީގެ ބައްދަލުވުންތައް ބާއްވަން ޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ އަމީން އާއްމާއި ކައުންސެލް ޖެނެރަލް މަޝްވަރާ ކުރައްވައިގެން ރޭގަނޑު ކޮމިޓީ ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ވެސް މަޖިލިސް ރައީސް އެދިވަޑައިގެންނެވިއެވެ.