މަޖިލީހުގެ ރައީސް

ވީ އެންމެ އަވަހަކަށް ވަކާލާތު ކުރުމުގެ އިމްތިހާނު ބާއްވައި ދެއްވުމަށް މަޖިލިސް ރައީސް އެދިވަޑައިގެންފި

އިބްރާހިމް ޒަކީ

ޝަރިއާ އެންޑް ލޯއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ފަރާތްތަކަށް ވަކީލުކަން ކުރުމުގެ ފުރުސަތު ދެއްވުމުގެ ގޮތުން، ވީ އެންމެ އަވަހަކަށް އެފަރާތްތަކަށް ވަކާލާތު ކުރުމުގެ އިމްތިހާނު ބާއްްވައި ދެއްވުމަށް ބާ ކައުންސިލްގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދި ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، މަޖިލިސް ރައީސް ވިދާޅުވީ، ކޮލެޖުތަކުން ޝަރީއާ އެންޑް ލޯ ހަދައިގެން، ވަކީލުންގެ ގޮތުގައި ނިކުންނަ ކުދިންނަށް ވަކާލާތު ކުރުމަށް ބޭނުންވާ އިިމްތިހާން ހަދަން ފުރުސަތު ނުލިބުމުގެ ކަންބޮޑުވުންތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ވަކީލުކަން ކިޔެވި ނަމަވެސް ވަކާލާތު ކުރުމަކީ މުޅިން އެހެން ކަމެއް ކަމަށާއި އެއީ އެހެން ހުނަރެއް ކަމުން ބޭރު ގައުމު ތަކެކޭ އެއްގޮތަށް އެކަމަށް ވަކި އިމްތިހާނެއް ހަދަން ޖެހޭ ކަމަށެވެ.

އެ އިމްތިހާން ހެދުމުގެ އިންތިޒާމް ހަމަޖެއްސުމަކީ ބާ ބައުންސިލްގެ މަސްއޫލިއްޔަތެއް ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، 27 ޖޫން 2019 ވަނަ އަހަރު، ގާނޫނީ ފަންނުގެ ގާނޫނު ކަމުގައިވާ، ބާ ކައުންސިލްގެ ގާނޫނަށް އަމަލު ކުރަން ފަށާފައިވާ ކަަށާއި، އެ ގާނޫނަށް އަމަލު ކުރަން ފށާތާ ތިންމަސް ދުވަހުގެ ތެރޭގައި އެ އިމްތިހާން ހެދުމުގެ އިންތިޒާމް، ގާނޫނުގައި ބުނާ ގޮތަށް ބާ ކައުންސިލުން ހަމަޖައްސަން ޖެހެއެވެ.

ނަމަވެސް ވަކީލުކަން ކިޔަވައިގެން ތިބި ކުދިންނަށް އެ އިމްތިހާން ފަހިކޮށްދެވިފައި ނުވާ އެންމެ ބޮޑު އެއް ސަބަބަކީ އިމްތިހާން ހަމަޖެހިފައި ނެތުން ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެ އިމްތިހާނުގެ ކަންތަކުގައި ޖުޑިޝަރީ ކޮމިޓީން ބާ ކައުންސިލާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެކަމުގައި ބާ ކައުންސިލްގެ ކަންބޮޑުވުންތަކެއް ފާހަގަ ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މުޅި ނިޒާމަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް އެ އިމްތިހާންގައި ބައިވެރިވުމުގެ ކަންތައް އެކުދިންނަށް ފަހި ކޮށްދެއްވުމަށް މަޖިލިސް ރައީސް ވަނީ ކޮމެޓީގެ ކިބައިން އެދިވަޑައިގެންފައެވެ.