ޝަހީދާ އަބްދުﷲ ސައީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން އެކަން ދިރާސާކޮށް ގޮތެއް ނިންމުމަށް ކޮމެޓީ އަށް ފޮނުވުމަށް މާދަމާ ބާއްވާ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.
މަޖިލީހުން މިއަދު އާންމު ކުރި އެޖެންޑާގައި ބުނެފައިވަނީ، ސަރުކާރުގެ ކެބިނެޓުގައި ހިމެނޭ 19 ވަޒީރުންނާއި، ބަންޑާރަ ނައިބަށް ރުހުން ދިނުމުގެ ކުރިން އެކަން ދިރާސާ ކުރުމަށް ދާއިމީ ކޮމެޓީއަށް ފޮނުވަން މާދަމާ ވޯޓަށް އަހައި، ކޮމެޓީން ދިރާސާ ކުރުމަށް ފަހު، ކޮމެޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅާނެ އެވެ.
މީގެއިތުރުން މާދަމާގެ ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލްގެ ފުރަތަމަ ކިއުން އިއްވުމުން ވެސް ވަނީ އެޖެންޑާކޮށްފައެވެ.
އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު، އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލްގެ ފުރަތަމަ ކިއުން އިއްވުން ވެސް މާދަމާގެ ޖަލްސާގައި އޮންނާނެއެވެ.
ވަޒީރުންގެ މަޖިލީހަށް ރައީސް އައްޔަން ކުރައްވާ ބޭފުޅުންނަށް މަގާމުގައި ތިބެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ކަމަށް ގާނޫނު އަސާސީގައި ވަނީ ބުނެފައެވެ. ރައީސް ސޯލިހުގެ ކެބިނެޓްގައި އަންހެން 7 ބޭކަނބަލަކު ހިމެނިވަޑައިގަންނަވާއިރު، މިއީ އެއްފަހަރާ އެންމެ ގިނަ އަންހެނުންނަށް ވަޒީރުކަމުގެ މަގާމު ލިބިގެންދިޔަ ސަރުކާރެވެ.