ބޮލީވުޑް

ފިލްމު ކުޅޭކަށް އަދި ނުވިސްނަން: ޝާހިދުގެ އަންހެނުން މީރާ

ބޮލީވުޑްގެ ސުޕާސްޓާ ޝާހިދު ކަޕޫރު އެރޭންޖު ކައިވެންޏެއް ކޮށް، ފޭނުންނާއި އިންޑަސްޓްރީ ވެސް ވަނީ ހައިރާންކޮށްލާފައެވެ.

2015ގައި ކައިވެނި ކުރި މިދެމަފިރިންނަށް ވަނީ ދެ ދަރިވެސް ލިބިފައެވެ.

ޝާހިދުގެ އަންހެނުން މީރާ ރާޖްޕުތު އަކީ ފިލްމު އިންޑަސްޓްރީގެ މީހެއް ނޫނެވެ. ޝާހިދުއާ ކައިވެނި ކުރުމުން ސްޓާ ވައިފެއްގެ ލަގަބު މީރާއަށް ލިބުނު ކަމުގައިވިޔަސް މިހާރު މީރާގެ ވަކި ފޭން ފޮލޯވަރުންވެސް ތިބެއެވެ.

ފިލްމު އިންޑަސްޓްރީއާ ގުޅިދާނެތޯ ނުވަތަ ފިލްމަކުން މީރާ ފެނިދާނެތޯ މިއީ ގިނަ ބަޔަކު އަހާ ސުވާލެކެވެ.

މިފަހަރު މީރާ މިވަނީ އޭނާ ފިލްމަކުން ފެނިގެންދާނެ ކަމުގެ އުންމީދުގައި ތިބި ފޭނުން ދެރަކޮށްލައިފައެވެ. މީރާ ދިން އިންޓަވިއުގައި ބުނީ އަދި އެއްވެސް ވަރަކަށް ފިލްމު ކުޅުމަށް ނުވިސްނާ ކަމަށެވެ. އެހެން ކަމުން އެހާ އަވަހަށް ފިލްމަކުން ނުފެންނާނެ ކަމަށެވެ. މީރާ ބުނީ އޭނާ މިހާރު ހުރި ހިސާބަކީ ވަރަށް އުފާވެރި ހިސާބެއް ކަމަށެވެ. ބޭނުންވަނީ ދަރިން ބަލައި ރަނގަޅު ތަރުބިއްޔަތު ދީ އެކުދިން ބޮޑު ކުރުން ކަމަށާއި ފިރިމީހާ ޝާހިދުގެ ފަރާތުން އަބަދުވެސް އަންނަނީ އެއްބާރުލުން ލިބެމުން ކަމަށެވެ.

އިއްޔެ ޝާހިދުގެ އުފަަންދުވަހާ ދިމާކޮށް މީރާ އާއި އޭނާގެ އާއިލާ ވަނީ ފިލްމެއްގެ ޝޫޓިންގައި މަސައްކަތް ކުރަމުންދިޔަ ޝާހިދުއަށް ސަޕްރައިޒެއް ދިނުމުގެ ގޮތުން ޗަންދިގަރަށް ގޮސްފައެވެ. މީރާ ވަނީ އިންސްޓަގްރާމުގައިވެސް ދެމަފިރިންގެ ފޮޓޯއެއް ހިއްސާކޮށް ޝާހިދުއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ.

ޝާހިދު އެންމެ އަވަަހަށް ފެނިގެންދާނީ ތެލިނގޫ ފިލްމެއްގެ ރީމޭކު ކަމަށްވާ "ޖާޒީ" އިންނެވެ.