ސުޕްރީމް ކޯޓް

ނަޝީދުގެ މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފި

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް މާދަމާ އިއްވުމަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފި އެވެ.

ނަޝީދުގެ ފަރާތުން އެމައްސަލަ ރިވިއުކުރުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގަތުމުން، އެކޯޓުން މީގެ ކުރިން ވަނީ ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށާއި، އެމައްސަލައިގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ނަޝީދުއާ މެދު ކަމާ ބެހޭ އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކުރައްވާފައެވެ.

އެމައްސަލައިގައި ހުކުމް އިއްވުން އޮތީ މާދަމާ ހެނދުނު 10:45 ގައެވެ.

ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފައެވެ. ޝަރީއަތުގެ އަޑުއެހުމުގައި ނަޝީދު ވިދާޅުވެފައި ވަނީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމުގައި ނަޝީދުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި އަބްދުﷲ މުހައްމަދު ހައްޔަރުކުރީ ސިފައިން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، މިމައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ.

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ކޯޓު އަމުރަކާ ނުލައި ހައްޔަރުކޮށްފައި ވަނީ 16 ޖެނުއަރީ 2012 ގައެވެ. ހައްޔަރުކުރުމަށް ފަހު 21 ދުވަސް ވަންދެން ގިރިފުށީގައި ވެސް ވަނީ ބަހައްޓާފައި ވެއެވެ.

އެމައްސަލައިގައި ކުރިމިނަލް ކޯޓުން ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 13 ގައެވެ.