ޕޮލިސް

އިތުރު މައްސަލަތަކެއްގެ ތަހުގީގަށް ރައީސް ޔާމީން ޕޮލިހަށް ހާޒިރު ކުރަނީ

އިބްރާހިމް ޒަކީ

މަނީލޯންޑާގެ ކުށް ސާބިތުވެގެން ފަސްމިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިތުރު މައްސަލައެއްގެ ތަހުގީގަށް ފުލުހަށް ހާޒިރު ވުމަށް އަންގައިފި އެވެ.

އެކަން ޔަގީންކޮށްދެއްވާފައިވަނީ ރައީސް ޔާމީންގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އެމަނިކުރާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

އެކަމާ ބެހޭގޮތުން ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް ހުކުމް ކޮށްފައިވާ މައްސަލައިގެ އިސްތިއުނާފުގެ ތެރެއިން އެ ދައުވާއަކީ ގާނޫނީ ބުރަދަނެއް ނެތް ސިޔާސީ ދައުވާއެއްކަން ގާއިމް ވުމުން އިތުރު ކަންތައްތަކަށް ތަހުގީގަށް ހާޒިރުވުމަށް ފުލުހުން އިއްޔެ އަންގައިފި ކަމަށެވެ.

ޖަމީލުގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އަހަރެއް ވީއިރު ކަމެއް ނުވެފައި ވުމުން ރައީސް ޔާމީންދެކެ ކޯފާ ވާނެ ކަމެއް ނެތް ކަމަށެވެ.

"ރައީސް ޔާމީންގެ އިސްތިއުނާފުގެ ތެރެއިން ދައުވާއަކީ ގާނޫނީ ބުރަދަނެއް ނެތް ސިޔާސީ ދައުވާއެއްކަން ގާއިމް ވުމުން އިތުރު ކަންތައްތަކައް ތަހުގީގަށް ހާޒިރުވުމަށް ފުލުހުން އިއްޔެ އަންގައިފި. އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އަހަރެއް ވީއިރު ކަމެއް ނުވެފައިވުމުން ރައީސް ޔާމީން ދެކެ ކޯފާވާނެ ކަމެއްނެތް،" ޑރ.ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.

އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެ ވަނީ ބާއްވައިފައެވެ. އަދި އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ މާޗް މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.