ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނުރައްކާތެރި ހަތިޔާރު ގެންގުޅުނު މައްސަލައިގެ ހުކުމް ރިވިއު ކުރުމަށް އެދި ނާޒިމްގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް އަންނަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި އެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން އޭނާ 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 2015 ވަނަ އަހަރުއެވެ.
އެމައްސަލަ ރިވިއުކޮށްދިނުމަށް ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ވަކި ގޮތެއް ކަނޑައަޅަންދެން ނާޒިމުގެ މައްޗަށް އިއްވި ހުކުމް ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. ނާޒިމްގެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައި ވަނީ އަންގާރަ ދުވަހުގެ 10:30 ގައެވެ.
ކާނަލް ނާޒިމް ދިރިއުޅޭ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގައި 2015 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވަނީ މީގެ ކުރިން ތާއީދު ކޮށްފައެވެ.
އަދި އެ މައްސަލަ ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ 2016 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހު އެ މައްސަލަ ބަލައިނުގަތުމަށް ވެސް ނިންމަވާފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކުރި ޚިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް އިއްވާފައިވާ 25 އަހަރުގެ ޖަލުހުކުމުގެ މައްސަލަ އަލުން ރިވިއު ކުރުމަށް ނާޒިމްގެ ފަރާތުން ވެސް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
އެމައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން ނާޒިމްގެ މައްޗަށް ކުރި ޖަލުހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަހުމަދު ނާޒިމްގެ ފަރާތުން ރިވިއު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުން ވެސް އަންގާރަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.