ރައްޔިތުންގެ މަޖިލިސް

އެމްޓީސީސީގެ ބަހަކުން ޖެހި ކުޑަ ކުއްޖަކާއި ފަތުރުވެރިޔަކު މަރުވި މައްސަލައިގައި އެޅި ފިޔަޅުތަކުގެ ނަތީޖާ ކޮމިޓީއަށް

އިބްރާހިމް ޒަކީ

އެމްޓީސީސީގެ ބަހަކުން ޖެހި 13 އަހަރުގެ ކުއްޖަކާއި ޔުކްރެއިންގެ ފަތުރުވެރިޔަކު މަރުވި މައްސަލައިގައި، ސަލާމަތީ ގޮތުން އަޅާފައިވާ ފިޔަވަޅު ތަކާއި، ހިންގުން ހަރުދަނާ ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އައި ކުރިއެރުން އަންގައިދޭ ރިޕޯޓެއް، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށް އެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފިއެވެ.

އެކަން އެސްއޯއީ ކޮމިޓީން މަޖިލީހަށް ހުށަހެޅީ 12 ނޮވެމްބަރު 2019 ވަނަ ދުވަހު ހުޅުމާލޭން ބުރިޖަށް އަރާ މަގުގައި އެމްޓީސީސީގެ ބަހަކާއި ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 13 އަހަރުގެ އަންހެން ކުއްޖަކު ނިޔާވި މައްސަލައާއި، 6 މޭ 2019 ވަނަ ދުވަހު ހެނދުނު ފަސް މީހުން ގޮވައިގެން ހުޅުމާލެ ފެރީ ޓާމިނަލަށް ދިޔަ އެމްޓީސީސީ ބަހެއްގައި އިން ޑްރައިވަރަށް ނިދި ޖެހިގެން، އެ ބަހުގައި ތިބި މީހުން ހަޅޭއްލަވައި، ކޮންޑަކްޓަރު ޑްރައިވަރަށް ގޮވުމުން ސިއްސައިގެން ގޮސް ބަހުގެ ސްޕީޑް ބާރުކޮށްލުމުގެ ސަބަބުން، ހިނގާފައި ދިޔަ ދެ ފަތުރުވެރިންގެ ގައިގައި ޖެހި އެތަނުން ޔުކްރެއިންގެ އަންހެނެއްގެ ގައިމަތިން ބަސްދިޔަ މައްސަލަ، ހިއުމަން ރައިޓްސް ކޮމިޝަނުން ބެލުމަށް ފަހު، އެމްޓީސީސީން ބަހުގެ ހިދުމަތްދެނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް އެސްއޯއީ ކޮމިޓީއަށް އެންގުމުން، އެ މައްސަލަ ބަލައި މަޖިލީހަށް ހުށަހެޅި ރިޕޯޓްގައެވެ.

މި ރިޕޯޓް މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން އެސްއޯއީ ކޮމިޓީގެ ނައިބު މުގައްރިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ، އެމްޓީސީސީގެ ޑްރައިވަރުންނަށް ރެސްޓެއް ނުދީ މަަސައްކަތް ކުރުވާ ކަމަށް ހިއުމަންރައިޓްސް ކޮމިޓީއަށް ލިބިފައިވާ މައުލުމާތުތަކާ ގުޅިގެންނާއި އެ އެކްސިޑެންޓްތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން މައުލޫމާތު އޮޅުން ފިލުއްވި ކަމަށެވެ.

މެންބަރު ވިދާޅުވީ، ޑްރައިވަރުންގެ ކަންތައްތައް އެމްޓީސީސީން ކުރިއަށް ގެންދާ ގޮތަށް ބަލާއިރު، ޑްރައިވަރުންނާއި ކޮންޑަކްޓަރުންގެ ޑިއުޓީ މިހާރު އަށް ގަޑިއިރަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ ޑިއުޓީއެއްގައިވެސް ޑްރައިވަރު ބަސް ދުއްވަން ޖެހޭނީ ހަތަރު ގަޑިއިރާއި ތިރީސް މިނިޓެ ކަމުގައި ވަނީ ހަމަޖައްސައިފައެވެ. އަދި އެމްޓީސީސީގެ ގިނަ ބަސްތަކެއްގެ ސްޕީޑް ލިމިޓް 50 ކިލޯމީޓަރަށް ވަނީ ތިރި ކޮށްފައެވެ.

ކޮމިޓީ ރިޕޯޓްގައި ހިމަނާފައި ވަނީ މި ރިޕޯޓް މަޖިލީހުން ފާސްކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި، އެމްޓީސީސީއަށް އައި ބަދަލުތަކާ ބެހޭ ރިޕޯޓް ކޮމިޓީއަށް ހުށަހެޅުމަށެވެ.