މުހައްމަދު އައުޒަމް
ސެނެހިޔާ ހޮސްޕިޓަލުގައި އޮޕަރޭޝަން ތިއޭޓަރަކާއި ވޯޑެއް ހުޅުވައިފި އެވެ.
ސެނެހިޔާ ހޮސްޕިޓަލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޮޕަރޭޝަން ތިއޭޓަރަކާއި ވޯޑު ހުޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އެވެ. މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޝާހިދު އަދި ސެނެހިޔާގެ ކޮމަޑާން ބްރިގޭޑިޔާ ޖެނެރަލް އަބްދުލްރަހީމް އަބްދުލް ލަތީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ ފުޅާ ދާއިރާއެއްގައި ސިފައިންގެ ވެލްފެއާގެ މަސައްކަތް ކުރަމުންދާކަމަށެވެ. ޑިފެންސް މިނިސްޓަރ އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެންމެ ބޮޑަށް ބައްލަވަމުންގެންދަވާ އެއްކަމަކީ އިންސާފާއި ހަމަހަމަކަމާއިއެކީ ދެފުއްފެންނަ ގޮތަށް ސިފައިންގެ ވެލްފެއާގެ ކަންކަމާއި ސިފައިންނާއި ގުޅޭ އެހެން ކަންކަންވެސް ފުރިހަމަކަމާއި އެކީ ކުރިޔަށްދޭތޯ ބެލުންކަމަށެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ ސެނެހިޔާ ހޮސްޕިޓަލް އަށް ހޮސްޕިޓަލެއްގެ ފުރިހަމަ ލަގަބު އަންނަމަހު ލިބިގެން ދާނެކަމަށެވެ.
ސެނެހިޔާގައި ގާއިމްކުރެވުނު ތިއޭޓަރުގައި އެންމެ ފުރަތަމަ ކުރުމަށް ހަމަޖެހިފައިވަނީ ހިތާނު ކުރުމުގެ އޮޕަރޭޝަން ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިއަދު ހުޅުވި ވޯޑުގައި 10 އެނދު ގާއިމް ކުރެވިފައިވެއެވެ.
އެމްއެންޑީއެފް އިން ހިންގަމުން ގެންދާ ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގައި އައިސީޔޫގެ ހިދުމަތުގެ އިތުރުން އޮބްޒަވޭޝަން ރޫމްގެ ހިދުމަތް ވަނީ މީގެ ކުރިން ގާއިމް ކޮށްފައެެވެ. ސެނެހިޔާ އައިސީޔޫގައި ދެ އެނދު ހުންނައިރު އޮބަޒަވޭޝަންގައި ހަތަރު އެނދު ހުރެއެވެ.
ސެނެހިޔާއިން އެކްސްރޭގެ އިތުރުން ލެބް އަދި ފާމަސީގެ ހިދުމަތްވެސް ދެމުންދެއެވެ. މިހޮސްޕިޓަލުން އާސަންދައިގެ ހިދުމަތްވެސް ލިބެއެވެ.