ޔާގަން ކްލޮޕް

ދަނޑުމަތީގައި ކްލޮޕް އަހަރެމެންނަށް މިނިވަންކަން ދޭ: އެލެކްސެންޑާ އާނޯލްޑް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލުގެ ފުލްބެކް ޓްރެންޓް އެލެކްސެންޑާ އާނޯލްޑަށް ދިން ދައުރަށް އެކްލަބުގެ ކޯޗު ޔާގަން ކްލޮފަށް އެލެކްސެންޑާ އާނޯލްޑް ތައުރީފުކޮށްފިއެވެ.

ރޭ ކުޅުނު މެޗުގައި 3-2ގެ ނަތީޖާއަކުން ވެސްޓް ހޭމް ބަލިކޮށް، ލީގުގައި މެންޗެސްޓާ ސިޓީ ހަދާފައިވާ ރެކޯޑާ ލިވަޕޫލުން ވަނީ އަރައި ހަމަކޮށްފައެވެ. ރޭގެ މޮޅަކީ ލީގުގައި ލިވަޕޫލުން ޖެހިޖެހިގެން ހޯދި 18 ވަނަ މޮޅެވެ.

ރޭގެ މެޗުގެ 81 ވަނަ މިނެޓުގައި ލިވަޕޫލަށް ސާޑިއޯ މާނޭ ތިން ޕޮއިންޓު ކަށަވަރުކޮށްދިނީ އުމުރުން 21 އަހަރުގެ ފުލްބެކް އެލެކްސެންޑާ އާނޯލްޑް ދިން ބޯޅައަކުންނެވެ. މެޗުގައި ލިވަޕޫލް ޖެހި ފުރަތަމަ ލަނޑަކީ ވެސް އެލެކްސެންޑާ އާނޯލްޑް ނަގައިދިން ހުރަހަކުން ކާމިޔާބުކުރި ލަނޑެކެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ ވައިނަލްޑަމްއެވެ.

މެޗަށްފަހު "ސްކައިސްޕޯޓްސް"އަށް ދިން އިންޓަވިއުއެއްގައި އެލެކްސެންޑާ އާނޯލްޑް ބުނީ ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ތަފާތު ކުޅުމެއް ދައްކަން ޖެހުނު ނަމަވެސް، ލިވަޕޫލުގެ ކޯޗު ކްލޮފް ކުޅުންތެރިންނަށް މިނިވަންކަން ދޭ ކަމަށެވެ.

"ކޯޗު އަހަރެމެންނަށް އިރުޝާދު ދޭ. ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ގޭމް ޕްލޭނަކާއެކު. ކޮންމެ މެޗެއް ވެސް ތަފާތު. އިދިކޮޅު ޓީމުން ނުކުންނަނީ އެހެން މެޗުތަކާ ތަފާތު ޕްލޭނަކާއެކު. އެހެންކަމުން އަހަރެމެންގެ ކުޅުމަށް ވެސް ބަދަލު ގެންނަން ޖެހޭ. އެކަމަކު ކޯޗު އަހަރެމެންނަށް މިނިވަންކަން ދޭ. އަހަރެމެންގެ ފެންވަރު ކޯޗަށް އެނގޭ،" އޭނާ ބުންޏެވެ.

އެލެކްސެންޑާ އާނޯލްޑް ބުނީ ދަނޑުމަތީގައި މިނިވަންކަން ލިބުމަކީ ކުޅުންތެރިންނަށް ވަރަށް ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ކުރިއަށް ޖެހި އެކުޅުންތެރިއެއްގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބޭ ކަމަށެވެ. އަދި ލިވަޕޫލުން އަބަދުވެސް ބޭނުންވަނީ އެޓޭކުކޮށް، އިދިކޮޅު ޓީމު މާޔޫސްކޮށްލަން ކަމަށް ވެސް އޭނާ ބުންޏެވެ.

ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާއި ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެމެދު ބޮޑު ފަރަގެއް އެބައޮތެވެ. ލިވަޕޫލާއި ސިޓީއާ ދެމެދު އޮތީ 22 ޕޮއިންޓުގެ ފަރަގެކެވެ.