މިދިޔަ ހަފުތާގައި މީޑިއާތަކުގެ ފަލަ ސުރުހީތަކާއި މީސް މީޑިއާ، ހާއްސަކޮށް ބޮލީވުޑްގެ ފޭނުންގެ މެދުގައި އެންމެ ބޮޑު ސިހުމެއް އައި އެއްކަމަކީ އަލީ އައްބާސް ޒަފަރު، އައިކޮނިކް ފިލްމު "މިސްޓަ އިންޑިއާ"ގެ ޓްރިލޮޖީއެއް އުފައްދާ ވާހަކަ އިއުލާން ކުރުމެވެ.
އެއިއުލާނާއެކު ފިލްމުގެ މުހިންމު ބައިތައް އަދާކުރި ކަޕޫރު އާއިލާގެ ގިނަ މީހުންގެ ފަރާތުން ނުރުހުން ފާޅު ކުރިއެވެ. އެގޮތުން ފިލްމުގެ ޑައިރެކްޓަރު ޝޭކަރު ކަޕޫރު އޭނާގެ ހުއްދައާ ނުލައި ފިލްމު އުފައްދާ ވާހަކަ ޓުވީޓުކޮށްފައިވާއިރު ފިލްމުގެ އެއް ލީޑް ބަތަލުގެ ރޯލުން ފެނިގެންދިޔަ އަނިލް ކަޕޫރުގެ އަންހެން ދަރިފުޅު އަދި ބަތަލާ ސޯނަމް ކަޕޫރު ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. މިހާތަނަށް ފިލްމުގެ ޕްރޮޑިއުސަރަކީ ސޯނަމް ކަޕޫރުގެ ބޮޑު ބޭބެ ބޯނީ ކަޕޫރުކަމަށް މީހުނަށް ހީކުރެވިފައި އޮތް ނަމަވެސް، އެޔަށް ރައްދުދެމުން ސޯނަމް ވަނީ ފިލްމުގެ އެއް ޕްރޮޑިއުސަރަކީ އޭނާގެ ބައްޕަ އަނިލް ކަޕޫރު ކަމަށް ވެސް ބުނެފައެވެ. އަދި ފިލްމުގެ ރީމޭކެއް ހެދުމަށް ބައްޕަ އަނިލް އާއި ބޮޑު ބޭބެ ބޯނީ މަޝްވަރާ ކުރި ކަމަށް ވެސް ސޯނަމް ވަނީ ބުނެފައެވެ.
މިހުރިހާ ކަމެއް ހިނގިއިރުވެސް ބޯނީ ކަޕޫރުގެ ފަރާތުން މިމައްސަލައިގައި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ އޭޝިއަން އޭޖުން އިއްޔެ ނެރުނު ރިޕޯޓެއްގައި ވަނީ މިސްޓަ އިންޑިއާގެ ފިލްމުގެ ބަތަލާ، މަގުބޫލު ސުޕާ ސްޓާ ސްރީދޭވީވެސް މިސްޓަ އިންޑިއާގެ ސީކުއިލު ހެދުމާ ދެކޮޅު ކަމަށް ބުނެ ރިޕޯޓް ކޮށްފައެވެ. ސްރީދޭވީ މަރުވިތާ އިއްޔެއަށް ދެ އަހަރު ވެފައި ވާއިރު ގިނަ ބަޔަކު ވަނީ އޭނާ މަތިން ހަނދާންކޮށް ޕޯސްޓުތައް ކޮށްފައެވެ.
އޭޝިއަން އޭޖުގެ ރިޕޯޓުގައި ވާގޮތުން ސްރީދޭވީ އެމީހުނަށް މީގެ ކުރިން ދިން އިންޓަވިއުގެއްގައި މިސްޓަ އިންޑިއާގެ ސީކުއިލެއް ހެދުމާ މެދު ހިޔާލު ހޯދަން އެހުމުން އެކަމާ ނުރުހުން ފާޅު ކުރިއެވެ.
"އަހަރެން ގަބޫލެއް ނުކުރަން މިސްޓަ އިންޑިއާއަކީ އަލުން އުދެއްދޭނެ ފިލްމެއް ކަމަކަށް. އަދި އޭގެ ސީކުއިލެއްވެސް ހެދިދާނެ ކަމަކަށް. އެކަހަލަ ފިލްމުތަކަކީ އެއްފަހަރު ހެދޭނެ ފިލްމުތައް. ފިލްމުގައި މަސައްކަތް ކުރަމުން ދިޔައިރު އެފިލްމު އެހާ އިންފްލުއެންޝަލް ވާނެ ކަމަކަށް ހީއެއް ނުކުރަން. މިހާރުވެސް ފިލްމުގެ ކެރެކްޓަރުން ކަމަށްވާ "މޮގެމްބޯ" އަދި އަހަރެންގެ ކެރެކްޓަރުވެސް ގިނަ މީހުން ހަނދާން އާކޮށް އެވާހަކަ ދައްކާ. އެހާ މަސައްކަތުން ކުރި އެހާ އުފާވެރި ކަމެއް އެއީ ދެވަނަ ފަހަރަށް ކުރެވޭނެ ކަންތައްތަކެއް ނޫން" ސްރީދޭވީގެ އިންޓަވިއުގައި އޭނާ ބުނި ކަމަށް އެނޫހުން ރިޕޯޓްކޮށްފައި ވެއެވެ.
ހަމަ އެއާއެކު އޭޝިއަން އޭޖުން ވަނީ މިސްޓަ އިންޑިއާގެ ޓްރިލޮޖީ ހެދުމުގެ ހުއްދަ ޒީ ނެޓްވޯކަށާއި އަލީ އައްބާހަށް ދިނީ ބަތަލާ ސްރީދޭވީގެ ފިރިމީހާ އަދި ފިލްމުގެ ޕްރޮޑިއުސަރު ބޯނީ ކަޕޫރު ކަމަށްވެސް ތުހުމަތު ކޮށްފައެވެ.
އެ ނޫހަށް އިތުބާރު ކުރެވޭ މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި ޒީ ނެޓްވޯކުގެ ފަރާތުން ބޯނީ ކަޕޫރާ ފިލްމާ ގުޅޭގޮތުން މަޝްވަރާ ކުރި އެވެ. އަދި ފަހުން ބޯނީ އެކަމަށް އެއްބަސްވި ކަމަށް އެނޫހުން ބުނެއެވެ.