ޝަހީދާ އަބްދުﷲ ސައީދު
ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ކުރާ ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ އަމަލުތައް ހުއްޓުވުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލައިފިއެވެ.
25 ނޮވެންބަރު އިން މިއަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލް އަގްވާމީ ފެންވަރުގައި ހިންގާ ހަރަކާތާއި ގުޅޭގޮތުން އެކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ކުރާ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުމުގެ ގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި، ފިޔަވަޅު އެޅުމަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ''ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުވުމުގެ ކޮމެޓީ'' ކޮންމެ މުއަައްސަސާއެއްގައި އުފައްދައި، އެކޮމެޓީގެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.
އަދި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވައި އަނިޔާލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނާއި، އަދި ޖެންޑަރ އިކުއަލިޓީގެ ގާނޫނު ފުރިހަމައަށް ތަންފީޒު ކުރުމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ގޮވާލާފައި ވެއެވެ.
މީގެ އިތުރުން ބަޔާނުގައި ވަނީ ގެވެށިއަނިޔާ ތަހައްމަލު ކުރަމުންދާ އަންހެނުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ގާއިމް ކުރަން ޖެހޭ މަރުކަޒުތައް ގާއިމް ކުރުމަށް ވެސް ގޮވާލާފައެވެ.
އަދި އަންހެނުންނާ މެދު ކުރެވޭ ނޭދެވޭ ތަފާތު ކުރުން ތަކާއި، ކުރިއަށް ދިއުމަށް އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ވެސް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް ބަޔާނުގައި ގޮވާލާފައި ވެއެވެ.