ތައިލެންޑުގެ ޗޮންބުރީ ޕްރޮވިންސްގައި ކުރިއަށްގެންދިޔަ "ފަސްވަނަ ޗޮންބުރީ ޕީއޭއޯ ޓޭބަލް ޓެނިސް އޯފަންސް"ގައި ރާއްޖޭގެ އެއްވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތި ދީމާ އަލީ ރިހި މެޑައްޔެއް ހޯދައިފިއެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ އެ މުބާރާތުގެ 15 އަހަރުންދަށުގެ ފައިނަލުގައި ވާދަކޮށް ދީމާ ވަނީ ރިހި މެޑައްޔެއް ހޯދައިފައެވެ.
އެ އުމުރުފުރާގެ ފައިނަލުގައި ދީމާ ވާދަކޮށްފައިވަނީ ތައިލެންޑުގެ 15 އަހަރުންދަށުގެ އެއްވަނަ ކުޅުންތެރިޔާއާ ދެކޮޅަށެވެ. އެ ކުޅުންތެރިޔާއަކީ އޭޝިއާ ހޯޕްސް 2017 ކާމިޔާބުކޮށް، ވޯލްޑް ހޯޕްސްގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ. މިވަގުތު އެ ކުޅުންތެރިޔާއަކީ ވޯލްޑް ހޯޕްސް ސްކޮޑުގައި ވެސް ހިމެނޭ ކުޅުންތެރިއެވެ.
ދީމާ ވަނީ އެ މުބާރާތުގެ 18 އަހަރުންދަށުގެ އުމުރުފުރާގައި ވެސް ވާދަކޮށް، ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. ކުއާޓާގައި ދީމާ ބަލިވެފައިވަނީ ތައިލެންޑުގެ 18 އަހަރުންދަށުގެ އެއްވަނަ ކުޅުންތެރިޔާ އަތުންނެވެ. އެ ކުޅުންތެރިޔާއަކީ 2018ގެ ވޯލްޑް ކެޑޭޓުގެ ރަނަރަޕްކަން ހޯދި ކުޅުންތެރިއެވެ. އަދި އޭނާއަކީ ތައިލެންޑުގެ ޒުވާން ގައުމީ ޓީމުގެ ވެސް އެންމެ މުހިންމު ކުޅުންތެރިޔާއެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއަށް ގިނަ މެޑަލްތަކެއް ހޯދައިދީފައިވާ ދީމާ ތައިލެންޑުގައި ބޭއްވި މުބާރާތުގައި ހޯދި ކާމިޔާބީއަކީ ވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.