ހައުސިން މިނިސްޓްރީ

ވެށިފަހި ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ހަމަނުޖެހި ތިބި މީހުންގެ މައުލޫމާތު ހޯދަން އިއުލާނުކޮށްފި

އިބްރާހިމް ޒަކީ

1

ވެށިފަހި ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ހަމަނުޖެހި ތިބި މީހުންގެ މައުލޫމާތު ހޯދަން މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓުން އިއުލާނުކޮށްފި އެވެ.

ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު" ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ހިޔާވަހިކަން ލިބިފައި ނުވާ ފަރާތްތަކުގެ މައުލޫމާތު ހޯދަން ހައުސިން މިނިސްޓްރީން އިއުލާނުކުރީ މިއަދު އެވެ.

އެ އިއުލާނެއްގައި ބުނެފައިވަނީ، 2010 ވަނަ އަހަރު ފެށި " ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގައި ލިޔުން ދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ހުރިހާ ފަރާތްތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި މަސައްކަތް ކުރުމަށްޓަކައި މިފަދަ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ބޭނުންވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ. އެހެންކަމުން ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުގެ ތެރެއިން ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އާއި ގާކޮށިން ފްލެޓް ދޭނެ ކަމަށް ސަރުކާރުން ލިޔުން ދިނުމަށްފަހު ފްލެޓް ހަވާލު ނުކޮށްވާ ފަރާތްތަކާއި، މާލޭގެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުންދީ ބިން ހަވާލުނުކޮށްވާ ފަރާތްތަކުގެ މައުލޫމާތު ހުށަހެޅުމަށް، މިއަދުން ފެށިގެން އަންނަ މާޗް މަހުގެ 22 ވަނަ ދުވަހުގެ 2:00 އާ ހަމައަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

މިނިސްޓްރީން ބުނީ ހުށަހަޅާނީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ނުވަތަ ގާކޮށި އަރަބިއްޔާ އިން ފްލެޓް ލިބޭނެކަން އެންގި ލިޔުމާއި

''ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގައި ދޫކޮށްފައިވާ ލިޔުމާއި، އެމީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، ދޫކޮށްލުމަށް އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީއެއް ކަމަށެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ތަންކޮޅު ދޫކޮށްލި ބައެއް މީހުންނަށް ހުޅުމާލޭން ގޯތި، އަދި ބައެއް މީހުންނަށް ގާ ކޮށިންނާއި ހުޅުމާލޭން ފްލެޓް ދީފައިވާއިރު، ލިޔުން ދިނުމަށްފަހުވެސް ސަރުކާރުން ގޮތެއް ހޯދައި ނުދެވޭ ބަޔަކު އެބަތިއްބެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟