އެންޓި ކެމްޕެއިން ކުރުމަކީ ޑިމޮކްރަސީ ދަންނަ ކަމެއް ނޫން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ މޭޔަރު ކަމަށް ޕީޕީއެމުން ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމާ ދެކޮޅަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުނެވެ.
މުއިއްޒު ވިދާޅުވީ އޭނާއަކީ މާލެއަށް ނިސްބަތްވާ މީހެއް ނޫންކަ މަށް ބުނެ އެންޓި ކެމްޕެއިން ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް ވަކި އާއިލާ އަކަށް ނިސްބަތް ވުމަކީ ވަކި މޮޅެއް ލިބޭނެ ކަމެއް ނޫން ކަމަށާއި އެކަން ބައެއް މީހުންގެ ހަނދާނުގައި ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ބައްޕައަކީ ހއ. ވަށަފަރުގެ ފަހުރުވެރި ދަރިއެއް. އަދި ބޮޑުތިލަދުންމައްޗަށް ނިސްބަތްވުމަކީ އަޅުގަނޑު ފަހުރުވެރިވާ ކަމެއް. އަޅުގަނޑުގެ މަންމަ އަކީ މާލެއަށް އުފަން މާލެ މީހެއް. ނަމަވެސް ވަކި ނަސަބަކަށް، ވަކި އާއިލާ އަކަށް ނިސްބަތްވުމަކީ މުހިންމު ކަމެއް ނޫން. އަޅުގަނޑުގެ އާއިލާއަށް ނިސްބަތްކޮށް ވާހަދައްކާނަމަ ގެއްލުންވާނީ އެ ވާހަކަދައްކާ ބަޔަކަށް" މުއިއްޒު ވިދާޅުވިއެވެ.
އެއްވެސް މީހަކު ދައްކާ ވާހަކަތަކަށް ރައްދު ދިނުމަކީ މައްސަލައެއް ނޫން ކަަމަށާއި ނަމަވެސް ހަގީގަތާއި ހިލާފު ވާހަކަތައް ދެއްކުމާއި ކަންކަމުގެ ހަގީގަތް އޮޅުވާލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
މިގައުމުގައި އިސްލާމްދީން ހިމާޔަތްކުރުމަށް ޓަކައި މާލެއަކީ ކިހާ ވަރެއްގެ ގުރުބާނީއެއް ވެފައިވާ ރަށެއްކަން ހާމަކޮށްދެއްވަމުން މުއިއްޒު ވިދާޅުވީ މާލޭ މޭޔަރު ކަމަށް ކުރިމަތިލައްވަނީ މާލޭގެ ތާރީހު އިއާދަކޮށްދީ މި މާލޭގެ ރައްޔިތުންނަށް އުފާވެރިކަން ހޯދައިދެއްވުމުގެ ނިޔަތުގައި ކަމަށެވެ.
މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕޭން ފެށުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަރަށް ބޮޑަށް މުއިއްޒަށް ފާޑުވިދާޅުވެފައެވެ. އެ ޖަލްސާގައި ނަޝީދު ވިދާޅުވީ މާލެ ހަލާކު ކޮށްލުމުގެ އެންމެ ބޮޑު މޭސްތިރިޔަކީ މުއިއްޒު ކަމަށެވެ. އަދި މުއިއްޒުގެ ވަޒީރުކަމުގައި މާލެއަށް ދިން ނިކަމެތިކަން ރައްޔިތުންގެ ހިތުން ފިލައިގެން ނުދާނެ ކަމަށާއި ލަދުހަޔާތުގެ ކުޑަނަމަވެސް ކަންފުޅެއް ހުރި ނަމަ މާލޭގެ މޭޔަރު ކަމަށް އެބޭފުޅާ ވާދަ ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.