ޓީއެމްއޭ

ކުރީގެ ސަރުކާރުން ވަނީ ޓީއެމްއޭއިން އެޑްވާންސަށް ފައިސާ ނަގާފަ: މެންބަރު ގަފޫރު

އިބްރާހިމް ޒަކީ

ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދިނުމަށް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން އެޑްވާންސަށް ޓީއެމްއޭއިން ފައިސާ ނަގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގަޕޯ ވިދާޅުވީ، ސީޕްލޭން ޓާމިނަލް ގެ މައްސަލައިގައި، ސަރުކާރުން ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރަން ޓީއެމްއޭއަށް ސަރުކާރު ކުރިމަތީގައި ވާހަކަ ދައްކަން ކެރެނީ އެހެންވެ ކަމަށްވެސް ވިދާޅުވިއެވެ.

ގަޕޯ ވިދާޅުވީ 48 މިލިޔަން ޑޮލަރު ހަރަދު ކޮށްގެން ޓީއެމްއޭއިން ހެދި ޓާމިނަލް ހޯދުމަށް އެފަރާތުން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރީގެ ސަރުކާރުން ކޮށްފައިވާ އެފަދަ ކަންކަމުން މިސަރުކާރުން ސަލާމަތް ނުވެގެން އުޅޭ ކަމަށްވެސް ގަޕޯ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބުނީ، ކުޑަ އަގަކަށް އާސީޕްލޭން ޓާމިނަލް އެއްކޮށް ޓީއެމްއޭއަށް ދިނުމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް، ދެ އަހަރު ދުވަހުގެ މުއްދަތަކަށް 10.35 ޑޮލަރުގެ ރޭޓުން، ސީޕްލޭން ޓާމިނަލުން 6،300 އަކަމީޓަރުގެ ޖާގަ ޓީއެމްއޭ އަށް ދޭން ފިނޭންސް މިނިސްޓްރީން މިހާރުވަނީ ނިންމައިފައެވެ.

ހަމަ އެނިންމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވެސް ވަނީ ފާސްކޮށްފައެވެ.

ފިނޭންސް މިނިސްޓްރީގެ ނިންމުމުގައި ވަނީ، ދެ އަހަރު ދުވަހުގެ މުއްދަތަކަށް، 10.35 ޑޮލަރުގެ ރޭޓުން، ސީޕްލޭން ޓާމިނަލުން 6،300 އަކަމީޓަރުގެ ޖާގަ ޓީއެމްއޭއަށް ދިނުމަށްފަހު، މަންޓާއަށް ވެސް އެތަނުން މިހާރު ބޭނުން ކުރަމުން އަންނަ ޖާގަ ހަމަ އެ އަދަދަށް ދިނުމަށެވެ.

އެއަށްފަހު ބާކީ އޮންނަ 21،000 އަކަމީޓަރު އަލުން ޓެންޑާކޮށް ހުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމަށް ވެސް އެ ނިންމުމުގައި ވެއެވެ.