ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ޔޫއޭއީގެ ނޫސްވެރިންތަކެއް ރާއްޖެ އަތުވެއްޖެ އެވެ.
އެމްއެމްޕީއާރުސީން މައުލޫމާތުދިން ގޮތުގައި ޔޫއޭއީގެ ނޫސްވެރިންގެ ޓީމު ރާއްޖެއަށް ގެނެސްފައިވަނީ އެ ކޯޕަރޭޝަނާއި އިއްތިހާދު އެއާލައިންސް ގުޅިގެންނެވެ. އަދި މި ނޫސްވެރިންގެ ޓީމު ރާއްޖެ ގެނެސްފައިވަނީ އެމްއެމްޕީއާރުސީން މިއަހަރު ތެރޭ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ފެމިލިއަރައިޒޭޝަން ޓްރިޕްތަކުގެ ތެރެއިން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
ޔޫއޭއީގެ ނޫސްވެރިންގެ ޓީމު ރާއްޖެ ގެނެސްފައިވަނީ ފެމިލިއަރައިޒޭޝަން ޓްރިޕްތަކުގެ ތެރެއިން "ލަގްޒަރީ" ތީމްގެ މައްޗަށް ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މި ދަތުރުތަކުގެ މަގުސަދަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން މެދުއިރުމަތީ މާކެޓަށް އިސްތިހާރު ކުރުން ކަމަށް އެމްއެމްޕީއާރުސީން ފާހަގަ ކުރެއެވެ. މީގެ އިތުރުން ޔޫއެއީން ރާއްޖެއަށް ގެނައި ނޫސްވެރިންގެ ޓީމުގައި ދަ އިންސައިޑާ އަދި މެދުއިރުމަތީގެ މަޝްހޫރު ބްލޮގަރުން ހިމެނޭ ކަމަށާއި، ދަތުރުގެ ތަޖުރިބާތައް މި ނޫސްތަކާއި ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ގެންދާނެ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ރާއްޖެއައި ޔޫއޭއީގެ ނޫސްވެރިންގެގެ ޓީމު ރާއްޖޭގައި ހޭދަކުރުމަށް ހަމަޖައްސާފައިވަނީ ފަސް ދުވަހުގެ މުއްދަތަކަށެވެ. އަދި މި މުއްދަތުގައި އެމީހުން ތިބޭނީ އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ، ވެސްޓިން މޯލްޑިވްސް އަދި ގްރޭންޑް ޕާކް ކޮއްދިއްޕަރުގައި ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ. އަދި ކޮންމެ ރިސޯޓަކުން ފަތުރުވެރިންނަށް ދޭ ސްޕާ އަދި ޔޯގާގެ ހިދުމަތާއި ރާއްޖޭގެ 'ލަގްޒަރީ ސައިޑް' ތަޖުރިބާ ކުރުމުގެ ފުރުސަތު މި ނޫސްވެރިންނަށް ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މިދިޔަ އަހަރު ރާއްޖެއަށް މެދުއިރުމަތިިން 60،003 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. އަދި މިއަދަދަކީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %15.1 ކުރިއެރުމެއް ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މިހާރަށްވުރެވެސް ގިނައިން މެދުއިރުމަތީގެ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.