ފިލްމު ސްޓޫޑަންޓް އޮފް ދަ އިޔާ ދެޔަކުން ބޮލީވުޑަށް ނުކުތް ދެތަރިން ކަމުގައިވާ ސިދްއާތު މަލޯތުރާ އާއި އާލިއާ ބަޓް އަކީ ބޮލީވުޑްގައި އުހުގައި ފިޔަޖަހާ ތަރިންނެވެ. މިދެތަރިން ރައްޓެހިވިކަމުގެ އަޑުތަކެއްވެސް ކުރީން ވަނީ ފެތުރިފައެވެ.
މި ދެތަރިންނަށް "އާޝިގީ ތިނެއް" ހުށަހެޅި ނަމަވެސް އެކަން އޮތީ ކުރިއަށް ދާ ގޮތް ނުވެފައެވެ.
ފިލްމުގެ ޑައިރެކްޓަރު މޯހިތު ސޫރީ ޑެއިލީއަށް ދިން އިންޓަވިއުގައި ވަނީ ފިލްމާ ބެހޭ ގޮތުން ވާހަކަތަކެއް ހިއްސާކޮށްފައެވެ.
އޭނާ ބުނީ ސިދްއާތަކީ ގާތް ރައްޓެއްސެއް ކަމަށާއި އެކީގައި ދިމާވެސް ވާ ކަމަށެވެ. ނަމަވެސް ފިލްމުގެ ކާސްޓުން އަދި ފައިނަލް ނުކުރާ ކަމަށް ވަނީ ބުނެފައެވެ. މޯހިތު އިތުރަށް ބުނީ އޭނާ އަދިވެސް އަންނަނީ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުން ކަމަށާއި ފިލްމުގެ އެހެން ކަންކަމާ އުޅޭނީ އެކަން ނިމުމުން ކަމަށެވެ.
އާލިއާގެ ބައްޕަ މަހޭޝް ބަޓަކީ "އާޝިގީ ދޭއް"ގެ އެއް ޕްރޮޑިއުސަރު ކަމަށާއި އެހެން ކަމުން އާލިއާ ތިން ވަނަ ބައިން ފެނިގެން ހިނގައިދާނެ ކަމަށް ވެއެވެ.
މިއަހަރު އާލިއާގެ މަގުބޫލު ގިނަ ފިލްމުތަކެއް ރިލީސްކުރުމަށް ހަމަޖައްސާފައިވާއިރު، އޭނާގެ ކައިވެނި މިއަހަރު ޑިސެމްބަރުގައި ލޯބިވެރިޔާ އަދި ބަތަލު ރަންބީރު ކަޕޫރާއެކު އޮންނާނެ ކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ. އެ ކައިވެނި ކުރަން ހަމަޖައްސާފައި ވަނީ ދެތަރިން އެކުގައި ފެންނާނެ ފިލްމު ބްރަމަސްތުރާގެ ރިލީސަށް ފަހުއެވެ.
ސިދްއާތު ގެންދަނީ ކިއާރަ އަދްވާނީ އާއެކު ފިލްމު ޝޭޝާހް ގެ މަސައްކަތް ކުރަމުންނެވެ.