އައިކޮނިކް ފިލްމު މިސްޓަ އިންޑިއާގެ ޓްރިލޮޖީއެއް އުފައްދާކަން އަލީ އައްބާސް ޒަފަރު އިއުލާން ކުރީ މިދިޔަ ހަފުތާގައެވެ. އެއާ އެކު ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެގެން ދިޔައެވެ. ހާއްސަކޮށް ފިލްމު އުފެއްދުމުގައި އެންމެ މުހިންމު ރޯލުތައް އަދާކުރި ޑައިރެކްޓަރު ޝޭކަރު ކަޕޫރާއި ފިލްމުގެ އެންމެ މުހިންމު ރޯލުން ފެނިގެންދިޔަ ބަތަލު އަނިލް ކަޕޫރުގެ ފަރާތުން ދަރިފުޅު ސޯނަމް ކަޕޫރު ވަނީ މީސް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ސޯނަމް މީގެ ދެދުވަސް ކުރިން ހިއްސާކުރި ޕޯސްޓުގައި ވަނީ މިސްޓަ އިންޑިއާގެ ރީމޭކާ ގުޅިގެން ގިނަ ބަޔަކު އޭނާއާ ސުވާލު ކުރަމުން އަންނަ ކަމަށެވެ.
"ތެދުތެދަށް ބުނަންޏާ އަހަރުމެންނަށްވެސް އެކަން އެނގުނީ އަލީ އައްބާސް ޒަފަރު ޓުވީޓު ކުރުމުން. އެކުރީ ވަރަށް ޑިސްރެސްޕެކްޓްފުލް ކަމެއް. އަދި ހަގީގަތަކަށް ވާނަމަ ވަރަށް ގޯސްކަމެއް. އެއްވެސް މީހަކު އަހަރެންގެ ބައްޕަ އަދި ބޮޑު ބޭބެ ޝޭކަރާ ވާހަކަ ދައްކާފައެއް ނުވޭ. އެދެމީހުންނަކީ ފިލްމުގެ މޭސްތިރިން. ފިލްމަކީ އޭގެ ފައިދާ އާއި މަންފާ ނުވަތަ އިސްތިހާރު ތަކަށް ވުރެ ބޮޑަށް ވަރަށް ލޯބިން ވަރަށް މަސައްކަތުން އުފެއްދި ފިލްމެއް. އެއީ ބައްޕަގެ ލެގަސީއެއް. ހަފުތާ ބަންދާ ދިމާކޮށް ބޮޑު ޖާގައެއް ބޮކްސް އޮފީހުން ހޯދުމަށްވުރެ މީހުން ކޮށްފައިވާ މަސައްކަތަށް ރެސްޕެކްޓްކޮށް ބަލައިގަންނާނެ ކަމަށް އުންމީދު ކުރަން." ސޯނަމްގެ ޕޯސްޓުގައި ވެއެވެ.
މި ޕޯސްޓާ ގުޅިގެން ސޯނަމްއަށް އަމާޒުވި ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ބުނީ އަލީ އޭނާގެ ބޮޑުބޭބެ ބޯނީ ކަޕޫރަށްވެސް އަދި ބައްޕައާވެސް ވާހަކަދައްކާފައި ނުވާ ކަަމަށާއި ބައްޕަ ވަނީ ފިލްމުގެ ރީމޭކެއް ހެދުމަށް ބޯނީއާ މަޝްވަރާވެސް ކޮށްފައި ކަމަށެވެ. އެ އާއިލާއިން އަދިވެސް ތިބީ ފިލްމު އެގޮތަށް އިއުލާން ކުރީތީ އެކަމާ ހައިރާންވެފައި ކަމަށްވެސް ސޯނަމް ބުނެ އެވެ.
އޭގެ އިތުރުން ސޯނަމް ބުނީ އޭނާގެ ބައްޕަ އަނިލް އަކީ ފިލްމުގެ އެއް ޕްރޮޑިއުސަރު ކަމަށެވެ. އަދި ފިލްމު ޑައިރެކްޓް ކުރީ ޝޭކަރު ކަމަށާއި ޝޭކަރަކީ ފިލްމުގެ ކެޕްޓަން ކަމަށެވެ. ފިލްމު ފިލްމަކަށް ހެދީ އެދެމީހުން ކަމަށް ސޯނަމް ވަނީ ބުނެފައެވެ.
ފިލްމުގެ ޓްރިލޮޖީއާ ގުޅިގެން ޝޭކަރުވެސް ވަނީ ޓުވީޓު ކޮށްފައެވެ. އޭނާގެ ޓުވީޓުގައި އެއްވެސް މީހަކު ފިލްމާ ގުޅިގެން އޭނާގެ ހުއްދައަށް އެދިފައި ނުވާ ކަމަށައި އޭގެ ވާހަކައެއްވެސް ދައްކާފައި ނުވާކަމަށް ވަނީ ބުނެފައެވެ.
"އަހަންނަށް ބޮޑަށް ބެލެވެނީ ހަފުތާ ބަންދާ ދިމާކޮށް ބޮޑު ފައިދާއެއް ހޯދުމަށް އެ ބްރޭންޑް ބޭނުން ކުރަން އުޅެނީހެން. ފިލްމުގެ ކެރެކްޓަރުންވެސް ވާހަކަވެސް ފިލްމު ފުރަތަމަ އުފެއްދި ފަރާތްތަކުގެ ހުއްދައާއި ނުލައި އެމީހުނަށް ބޭނުމެއް ނުކުރެވޭނެ" ޝޭކަރުގެ ޕޯސްޓުގައި ވެއެވެ.
އަލީ ހަދަން އުޅޭ މިސްޓަ އިންޑިއާގެ ޓްރިލޮޖީއަށް ބަތަލު ޝާހުރުކް ޚާން އަދި ރަންވީރު ކަޕޫރަށް ހުށަހަޅާފައިވާ ކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް ރަސްމީކޮށް އަދި ތަރިން ހާމަކޮށްފައެއް ނުވެ އެވެ.
ނަމަވެސް މި ފިލްމުގައި އޮމްރުޝް ޕޫރީ ކުޅެފައިވާ ނެގަޓިވް ރޯލު ނުކުޅޭނެ ކަމަށް ޝާހު ވަނީ މީގެ ކުރިން ބުނެފައެވެ.