ރައްޔިތުންގެ މަޖިލީހުގެ ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި، ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ސައުދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ކޯޓުން ބޭރުކޮށްލީ، މިއަދު އެކޯޓްގައި ބޭއްވި އެމައްސަލަގެ އިބްތިދާއީ އަޑުއެހުމުގައެވެ.
ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައި ސައުދުގެ އިތުރުން އެމައްސަލައިގައި ދެން ދައުވާކޮށްފައި ވަނީ އެޑިއުކޭޝަންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފްގެ މައްޗަށެވެ.
އެމައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި ކޯޓުން ހުކުމް ކުރުމުން ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާވެރި ސަރުކާރުން އޭނާގެ މައްޗަށް އުފުލާފައިވަނީ އަސްލެއް ނެތް ދައުވާއެއް ކަމަށެވެ.