އެޑެން ހަޒާޑް

ހަޒާޑަށް އަނިޔާވެ ސިޓީ އާއި ބާސާއާ ދެކޮޅަށް ކުޅޭ މެޗު ގެއްލިއްޖެ

ރެއާލް މެޑްރިޑްގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑަށް އަނިޔާވެ މެންޗެސްޓާ ސިޓީ އާއި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗު ގެއްލިއްޖެއެވެ.

އުމުރުން 29 އަހަރުގެ ފޯވަޑް ހަޒާޑަށް އަނިޔާވެފައިވަނީ ސްޕެނިޝް ލަލީގާގައި ރޭ ލަވެންޓޭއާ ދެކޮޅަށް ކުޅެ 1-0ގެ ނަތީޖާއަކުން ރެއާލް ބަލިވި މެޗުގައެވެ.

ރެއާލުން ނެރުނު ބަޔާނެއްގައި ބުނީ ހަޒާޑުގެ ފައި ބިނދިފައިވާކަން ކްލަބުގެ މެޑިކަލް ޓީމުން އަންގާފައިވާ ކަމަށާއި އޭނާގެ ރިކަވަރީ ގާތުން ބަލަމުންދާނެ ކަމަށެވެ.

އަނިޔާއާ ގުޅިގެން ކުރިއަށްއޮތް މުހިންމު ދެ މެޗު ހަޒާޑަށް ގެއްލޭނެއެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި އަންނަ ބުދަ ދުވަހު އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ރެއާލް ނުކުންނަން ޖެހޭ އިރު، ލަލީގާގައި އަންނަ އާދީއްތަ ދުވަހު ވާދަވެރި ބާސާއަށް ދެކޮޅަށް ނުކުންނަން ޖެހޭނެއެވެ.

ސްޕެނިޝް ލަލީގާގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވުމާ ގުޅިގެން ރެއާލް ވަނީ ދެވަނައަށް ވެއްޓިފައެވެ. އެހެންކަމުން ލީގުގެ އެއްވަނައަށް ޖެހިލި ބާސާއާ ދެކޮޅަށް އަންނަ އާދީއްތަ ދުވަހު ކުޅޭ އެލް ކްލެސިކޯ މެޗަކީ ރެއާލަށް ވަރަށް މުހިންމު މެޗަކަށް ވާނެއެވެ. ބާސާ އާއި ރެއާލްއާ ދެމެދު ދެ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

އަނިޔާގެ ސަބަބުން ހަޒާޑަށް ހަތަރު މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ. އެހެންކަމުން އޭނާއަށް މިއަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ބައިވެރިވެވޭނެކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.