މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކުރީސަރުކާރުގައި އެމްއޭސީއެލް ބޯޑުން ދިން ޔަގީންކަން ދަމަހައްޓާނެ ކަމަށް މިހާރުގެ ބޯޑުން ބުނި: ޓީއެމްއޭ

އަހުމަދު އައުފް އަބްދުލް ސަމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި، އެމްއޭސީއެލްގައި އޭރު އޮތް ބޯޑުން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ދީފައި އޮތް ކޮމިޓްމެންޓް (ޔަގީންކަން) ރަނގަޅު ކަމަށާއި އެކަން ދަމަހައްޓާނެ ކަމަށް މި ސަރުކާރުން އެކުލަވާލި އެމްއޭސީއެލްގެ އާ ބޯޑުން ވެސް ބުނެފައިވާ ކަމަށް ޓީއެމްއޭއިން ބުނެފި އެވެ.

ޓީއެމްއޭއިން މިހެން ބުނީ، އެމްއޭސީއެލުން އަލަށް ހަދާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ބޮޑު ޖާގައެއް ދިގު މުއްދަތަކަށް ކުއްޔަށް ދޭނެ ކަމަށް ބުނެ މުއާމަލާތްތަކެއް ކޮށްފައި އޮއްވައި، މި ސަރުކާރުން އެ ނިންމުން ބަދަލުކޮށް، ޓާމިނަލް ހިންގާނީ އެމްއޭސީއެލުން ކަމަށް ނިންމާފައި ވަނިކޮށް ދާދި ދެންމެ ނެރުނު ނޫސްބަޔާނެއްގަ އެވެ.

ދާދި ފަހުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ބޭއްވެވި ނޫސްކޮންފަރެންސެއްގައި ވިދާޅުވީ ސީޕްލޭން ޓާމިނަލް އަމިއްލައަށް ހިންގުމުގެ ވިސްނުން ކުރީ ސަރުކާރުން ގެންގުޅެފައި ނުވާ ކަމަށާއި އެ ސަރުކާރުގެ ވިސްނުން ހުރީ އެތަން ކުއްޔަށް ދިނުމަށް ކަމަށެވެ. މިނިސްޓަރު ފައްޔާޒާއި އަމީރުގެ މިހެން ވިދާޅުވުމުގެ ކުރީން، އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރު ޖެނެރަލް ވެސް ވަނީ މި ކަމާ ގުޅޭ ގޮތުން ރިޕޯޓެއް ނެރުއްވާފަ އެވެ. އެ ދެފަރާތުގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައި ވަނީ، އެމްއޭސީއެލްގެ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމަކީ، އެ ކުންފުންޏަށް އެތައް މިލިއަން ޑޮލަރެއްގެ ފައިދާއެއް ގެއްލިގެންދާނޭ ކަމެއް ކަމަށެވެ.

ޓީއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އާ ޓާމިނަލުން އެކުންފުންޏަށް ޖާގަ ދޫކުރެވޭނެ ޓާމްސްތައް ބަޔާންކޮށް އެމްއޭސީއެލުން ޓީއެމްއޭއަށް ސިޓީތަކެއް ފޮނުވި ކަމަށާއި އޭގައި ސޮއިކޮށްފައިވަނީ އެމްއޭސީއެލްގެ ޖެނަރަލް މެނޭޖަރ ކޮމާޝަލް، ހުސެއިން ފަޒީލު ކަމަށެވެ. މި ސިޓީތައް ފޮނުވާފައިވަނީ އެމްއޭސީއެލްގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ، ހުއްދަ ދެއްވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ފަޒީލު ވަނީ ވިދާޅުވެފައެވެ.

މި ސިޓީތަކުގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި ކުންފުނީގެ ބޯޑުން އެއްބަސްވެފައިވާ ކަންކަން ކަމަށް މީގެކުރިން އެމްއޭސީއެލުން ތަކުރާރުކޮށް ޔަގީންކަންދިންކަމަށް ވެސް ޓީއެމްއޭ އިން ބުނެއެވެ.

މީގެ އިތުރުން އެއްބަސްވުމަކީ ޓީއެމްއޭގެ ފުޅާވަމުން އަންނަ އޮޕަރޭޝަނަށް އެކަށޭނެ ޖާގައެއް ލިއްބައިދެނިވި އެއްބަސްވުމެއް ކަމަށާއި ސަރުކާރާ މަޝްވަރާކޮށްގެން، ޓީއެމްއޭ އިން މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތް ކުރިއަށް ގެންދެވޭނެފަދަ ހައްލެއް ހޯދުމަށް ކަމަށް ޓީއެމްއޭގެ ބަޔާނުގައިވެއެވެ.

ނަމަވެސް އެމްއޭސީއެލް އާއި ޓީއެމްއޭއާދެމެދު ދެކެވެމުން އައި ވާހަކަތައް ހުއްޓުވައި، އާ ސީޕްލޭން ޓާމިނަލް ހިންގާނީ އެމްއޭސީއެލް އިން ކަމަށް ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ. އޭގެ ސަބަބުން އެމްއޭސީއެލަށް އަހަރަކު 33 މިލިއަން ޑޮލަރުގެ ފައިދާއެއްވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. އަދި އެމްއޭސީއެލްގެ ކުރީގެ ބޯޑުން ނިންމިގޮތަށް ކުރިއަށް ގެންދިޔަނަމަ އެމްއޭސީއެލަށް ލިބޭނެ ކަމަށް އޮޑިޓާ ޖެނެރަލް ލަފާކޮށްފައިވަނީ އަހަރަކު 5.7 މިލިއަން އެމެރިކާ ޑޮލަރެވެ.