މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން

ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް އެޅި ފިޔަވަޅުން ދެވަނަ ހަފުތާގައި 33 މިލިޔަން ބާކީކޮށްފި

ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ދެވަނަ ހަފުތާގައި 33 މިލިޔަ ރުފިޔާ ބާކީ ކޮށްފިއެވެ.

ހަރަދު ކުޑަކޮށްގެން ފުތަމަ ހަފުތާގައި 772.7 މިލިއަން ރުފިޔާ ވަނީ ބާކީކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ހަފުތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 33 މިލިޔަން ބާކީ ކުރެވުނު ނަމަވެސް ދެވަނަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ހަރަދު ވަނީ 16 ޕަސެންޓް އިތުރު ވެފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 2.58 ބިލިއަން ރުފިޔާ އެވެ. ހަރަދުކޮށްފައިވަނީ 2.54 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16 ޕަސެންޓު އިތުރު އަދަދެކެވެ.

މި މަހުގެ ފުރަތަމަ ހަފުތާގައި އެޑްމިނިސްޓްރޭޓިވް އެންޑް އޮޕަރޭޝަނަލް އެކްސްޕެންސަސްގެ ގޮތުގައި 556 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރިއިރު، ޖެހިގެން އައި ހަފުތާގައި އެކަމަށް 257.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ތަފާސް ހިސާބުން ދައްކާ ގޮތުގައި އެބައިގެ ތެރެއިން އެންމެ ބޮޑު އިތުރުވުމެއް އައިސްފައި ވަނީ ދައުލަތުން ހިލޭ އެހީ އާއި ސަބްސިޑީއަށް ކޮށްފައިވާ ހަރަދަށެވެ.

މި މަހުގެ ދެވަނަ ހަފުތާގެ ނިޔަލަށް ދައުލަތަށް ލިބުނު 2.58 މިލިއަން ރުފިޔާގެ އާމްދަނީއަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 743.8 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ޓެކުހުގެ އާމްދަނީ އާއި ޓެކްސް ނޫން ގޮތްގޮތަށް ލިބުނު އާމްދަނީ ވެސް ދަށްވުން ކަމަށް ހިސާބުތަކުން ދައްކައެވެ.

ނުރައްކާތެރި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކޮށްފާނެ ނޭދެވޭ އަސަރުތަކަށް ބަލައި ދައުލަތުގެ ހަރަދުތައް ކުޑަކުރަން ފިނޭންސް މިނިސްޓަރު ވަނީ އަންގާފަ އެވެ.