އިބްރާހިމް ޒަކީ
ލިޔެ ކިޔުންތައް އޮޅުވާލައިގެން، އިސްލާމިކް މިނިސްޓްރީގައި އެއްވެސް އިރެއްގައި ނޫޅޭ ފަރާތެއްގެ ނަމުގައި މުސާރައިގެ ގޮތުގައި ފައިސާ ނަގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަ ވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި މިއަދު އާންމު ކުރެއްވި، އިސްލާމިކް މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެކަން ކޮށްފައި ވަނީ މުސާރައިގެ މަސައްކަތް ކުރާ އެ މިނިސްޓްރީގެ މުވައްޒަފެވެ. ނަމަވެސް އޭނާގެ ނަމެއް ރިޕޯޓުގައި ހާމަކޮށްފައެއް ނުވެއެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، އެއްވެސް އިރެއްގައި ނޫޅޭ ފަރާތެއްގެ ނަމުގައި މުސާރައިގެ ގޮތުގައި ފައިސާ ނެގުމުގެ އިތުރުން، އޭނާއަށް މުސާރަ ހައްގުވާ ވަރަށްވުރެ އިތުރަށް ވެސް ފައިސާ ނަގާފައިވާ ކަމަށެވެ.
ރިޕޯޓްގައި ބުނެފައިވަނީ އެއްވެސް އިރެއްގައި ނުޅޭ މީހެއްގެ ނަމުގައި ލިޔެކިއުންތައް އޮޅުވާލައިގެން މުސާރައިގެ ގޮތުގައި 62،200 ރުފިޔާ ނަގާފައިވާ ކަމަށެވެ. އަދި މުސާރައިގެ ގޮތުގައި ހައްގުވާ އަދަދަށްވުރެ، އިތުރަށް ޖުމުލަ 13،967 ނަގާފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.
މީގެ އިތުރުންވެސް ލިޔެކިޔުންތައް އޮޅުވާލައިގެން ފައިސާ ނެގުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.
ރިޕޯޓްގައި ބުނެފައިވަނީ އެގޮތަށް ނަގާފައިވާ ކަމަށް ހިސާބުތަކުން ދައްކާ ޖުމްލަ 66،170 ރުފިޔާ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 8 މަސް ދުވަހަށް ބަހާލައިގެން ދައްކައި ހަލާސް ކުރުމަށް އެ މުވައްޒަފާއެކު އެއްބަސްވި ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ ކަމަށެވެ. އެގޮތުން 16 ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައްކާފައިވަނީ އޭގެތެރެއިން 41،360 ރުފިޔާ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.
ރިޕޯޓްގައި އިތުރަށް ބުނެފައިވަނި އިސްލާމިކް މިނިސްޓްރީއަށް އެކަން ފާހަގަ ވެގެން މައްސަލަ އިތުރަށް ބަަލއިދިނުމަށް، ފިނޭންސް މިނިސްޓްރީ އާއި ސިވިލްސާވިސް ކޮމިޝަނާއި، ފުލުހުންނަށް، 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހުށަހަޅާފައިވާ ކަމަށެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ލިޔެކިޔުންތައް އޮޅުވާލައިގެން ނަގާ އިތުރުގަޑީގެ އެލަވަންސާއި، ހައްގު ނުވިނަމަވެސް ނަގާ ބަންދު ދުވަހުގެ އެލަވަންސާއެކު އެ މުވައްޒަފަށް މުސާރައިގެ ގޮތުގައި 9،997 ރުފިޔާ އިތުރަށް ދެވިފައިވާ ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ.
ނަމަވެސް މިނިސްޓްރީ އާއި އެ މުވައްޒަފާ ދެމެދު ވެފައިވާ އެއްބަސްވުމުގައި އެ ފައިސާގެ އަދަދު ހިމަނާފައި ނުވާކަން ފާހަގަ ކުރެވުނު ކަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި އެގޮތަށް ދިމާވެފައި ވަނީ ލިޔެކިޔުންތައް އޮޅުވާލައިގެން ފައިސާ ނެގިކަން މިނިސްޓްރީއަށް ފާހަގަ ވުމުންވެސް އެ މުވައްޒަފުގެ މުސާރަ މިނިސްޓްރީން އަލުން ހިސާބުކޮށް މުވައްޒަފަށް ހައްގުވާ އަދަދު ކަށަވަރު ކޮށްފައި ނުވުމުން ކަމަށްވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.