ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް އަދީބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ ޝަރީޢަތް މިއަދު ފަށަން ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފިއެވެ.
އަދީބުގެ ފަރާތުން އިސްތިއުނާފު ކުރި ޝަރީއަތް މިއަދު ފަށަން ތާވަލު ކުރި އިރު، އަދީބުގެ ސިއްހީ ހާލަތު ގޯސްވެ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދޭންފެށީ މިމަހުގެ 9 ވަނަ ދުވަހުގެ ރެއެވެ.
ހައިކޯޓުގައި އޮތް ޝަރީޢަތުގެ އަޑުއެހުން ކެންސަލްކޮށްފައި ވަނީ އަދީބުގެ ސިއްހީ ހާލު ގޯސްވުމުގެ ސަބަބުން ކަމަށް އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވަނީ ވިދާޅުވެފައެވެ.
ކިޑްނީގެ އޮޕްރޭޝަނެއް ކުރުމަށް އަދީބު އައިޖީއެމްއެޗްގައި އެޑްމިޓްކުރީ އަދީބުގެ ކިޑްނީގެ މައްސަލަ ބޮޑުވެފައި ވާތީ އެވެ. ބާރުގަދަ ބޭހެއް ދިނުމަށްފަހު ދެމަސްވަންދެން ގޭގައި ބަހައްޓަން ކަރެކްޝަނަލް ސާވިސްއަށް އެންގި ނަމަވެސް ޑޮކްޓަރުން ދެއްވާފައިވާ ލަފާގެ ދަށުން އަމަލު ނުކުރާ ކަމަށް ވަކީލު ސިރާޖު ވިދާޅުވެފައި ވެއެވެ.
2015 ސެޕްޓެމްބަރު 28 ގައި ރިޔާސީ ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ތަފާތު އެކި ކުށްތައް ސާބިތުވެ ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައި ވެއެވެ.