ބޮލީވުޑް

ބްރަމަސްތްރާގައި ރަންބީރުގެ މައިންބަފައިންގެ ރޯލު ދީޕިކާ އަދި ރަންވީރަށް ހުށަހެޅި

އާޔަން މުކަރްޖީގެ ފެންޓަސީ ފިލްމު "ބްރަމަސްތުރާ" މިދުވަސްވަރު އަންނަނީ މީޑިއާ ހެޑްލައިން ތަކުން ޖާގަ ހޯދަމުންނެވެ.

ފިލްމުގެ ލީޑުން އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު ފެނިގެންދާއިރު ފިލްމުގައި ރަންބީރުގެ މައިންބަފައިންގެ ރޯލު ދީޕިކާ ޕަޑުކޯން އަދި ރަންވީރު ސިންގަށް ހުށަހެޅިކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބްރަމަސްތުރާ ފިލްމު އަތުރާލާފައިވަނީ ފިލްމުގެ ފުރަތަަމަ ބައިގައި ފެންނަ ބައެއް ކެރެކްޓަރުންގެ މާބޮޑު ފެނިލުމެއް ނުފެނި ދެވަނަ އަދި ތިން ވަނަ ބައިން އެމީހުންގެ ބޮޑު ރޯލުތަކެއް ފެނިގެންދާ ގޮތަށެވެ. ރަންބީރުގެ މައިންބަފައިންގެ ގޮތުގައި ދައްކަން އާޔަން ބޭނުންވީ ޒުވާން މައިންބަފައިންނެވެ.

ރަސްމީކޮށް އަދި ހާމަކޮށްފައި ނުވިނަމަވެސް އެރޯލު ރަންވީރުއާއި ދީޕިކާއަށް ހުށަހެޅިކަމަށް ރިޕޯޓްތައް ބުނެއެވެ.

ފިލްމުގައި ރަންބީރު ކުޅެނީ ކުޑައިރު މައިންބަފައިން މަރުވެފައިވާ މީހެއްގެ ރޯލެވެ. އޭނާއަށް ހުންނަނީ ސުޕަޕަވާސްތަކެއް ލިބިފައެވެ.

ރިޕޯޓްތައް އިތުރަށް ބުނާ ގޮތުގައި ދީޕިކާ އާއި ރަންވީރު އެ ހުށަހެޅުން ގަބޫލު ނުކުރުމުން މިހާރު އެހެން ތަރިންތަކެއް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި ފިލްމުގައި އަމީތާބް ބަޗަން، ޑިމްޕަލް ކަޕާޑިއާ އަދި މޯނީ ރޯއީ މުހިންމު ރޯލުތަކުން ފެނިގެން ދެއެވެ. އަދި ޝާހުރުކް ޚާންގެ ހާއްސަ ފެނިލުމެއްވެސް ފިލްމުން ފެނިގެންދާނެއެވެ. ފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ މިއަހަރު ޑިސެމްބަރު ހަތަރުވަނަ ދުވަހުއެވެ.