އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 36

އަބްދުﷲ ފާރޫގް ހަސަން

1

(17 ފެބުރުއަރީގެ އަދަދާގުޅޭ)

ބޭސްވެރިޔާ އޭނާގެ ދަބަހުން ކުޑަފުޅިއެއް ނަގައިފައި ޚާދިމާގާތު ފެންތައްޓެއް ގެންނާން ބުނެފިއެވެ. ޚާދިމާ ވަރަށް އަވަހަށް އެނބުރިގޮސް ރިހީގެ ތައްޓަކަށް ފެން އަޅައިގެން ގެނެސްފިއެވެ. ބޭސްވެރިޔާގެ ފުޅީގެ މަތިނެގުމަށްފަހު މުށިކުލައިގެ ބޭހެއްގެ ދެތިން ތިކި އެ ފެންތައްޓަށް އަޅައިފައި قبــاد އަށް އަރުވަމުން ދެންނެވިއެވެ. "ހިއްޕަވައިލައްވާށެވެ! ރޭގަނޑު އެއްވެސް އުނދަގޫފުޅެއް ވެއްޖެނަމަ އަޅުގަނޑަށް ވިދާޅުވާށެވެ."

އިރުކޮޅެއްގެ ފަހުން ماه بانو ގެ އަރިހުގައި ބޭސްވެރިޔާ އޭނާގެ ކޮޓަރިޔަށް ވަދެއްޖެއެވެ. އޭނާ ވަރުބަލިވެފައިހުރި ކަހަލަގޮތަކަށް އެނދުމަތީގައި އިށީނދެއްޖެއެވެ.

ماه بانو ކަންބޮޑުވެވަޑައިގެން ހުންނެވި އަޑުފުޅަކުން ސުވާލު ކުރެއްވިއެވެ. "ބައްޕާފުޅުގެ އާލާސްކަންފުޅު މާސީރިޔަހެއް ނޫންކަން ކަލާއަށް ޔަޤީންތޯއެވެ؟"

ބޭސްވެރިޔާ ޖަވާބު އެރުވިއެވެ. "ދަރިފުޅާއެވެ! ބައްޕާފުޅުގެ އާލާސްކަންފުޅާމެދު ފުރިހަމަ ޔަޤީންކަމާއެކު އަޅުގަނޑަކަށް އަދި އެއްޗެއް ނުދެންނެވޭނެއެވެ. ނަމަވެސް ކަންބޮޑުވެވަޑައި ނުގަންނަވާށެވެ. އޭނާއަށް ބޭސްކޮޅު ހެދުމުގައި އަޅުގަނޑު ފަރުވާކުޑައެއް ނުކުރާނަމެވެ."

ماه بانو ވިދާޅުވިއެވެ. "އަޅުގަނޑު ކަލާއަށް ޝުކުރުވެރިވަމެވެ. ނަމަވެސް ކަލާއަށްވެސް އެނގިލައްވާނެފަދައިން އަޅުގަނޑުގެ ބޭބެ ވަޑައިގެންވީ މަދާއިނުގައެވެ. ބައްޕާފުޅުގެ އާލާސްކަންފުޅާމެދު ކަލާއަށް ކުޑަކޮށްވެސް ޝައްކެއްވެލައްވާނަމަ އަޅުގަނޑު ޤަޞްދުކުރަނީ ބޭބޭފުޅު ބަލައިފޮނުވާށެވެ. ވޭތުވެދިޔަ ތިންމަހެއްހައި ދުވަހުގެ ތެރޭގައި ބޭބެ ހަތަރުފަހަރަށް މިތަނަށް ވަޑައިގެންފިއެވެ. އަޅުގަނޑު ބައްޕަޔަށް ސިއްރުން ބޭބެ ބަލައިފޮނުވަނީއެވެ. ކަލާއަށް އެނގިލައްވާނެފަދައިން މިކަހަލަ ދުވަސްވަރެއްގައި ސިފައިންނަށް ޗުއްޓީ ލިބުމަކީވެސް ފަސޭހަކަމެއް ނޫނެވެ. މިދިޔަފަހަރު ބޭބެ ގެއަށް ވަޑައިގަތުމުންވެސް ބައްޕަ އަޅުގަނޑުދެކެ ވަރަށް ކޯފާވިއެވެ. ގޭގެކަންތައްތަކާހުރެ ބޭބެގެ ކުރިއެރުމަށް ހުރަސްއެޅޭކަށް ބައްޕަ އެދިވަޑައެއް ނުގަންނަވައެވެ. ބައްޕަޔަށް ދަތުރުކުރެއްވޭވަރުވާނަމަ ބޭބެ އަރިހަށް މަދާއިނަށް ބައްޕަ ގެންދެވިއްޖައީހެވެ. ނަމަވެސް މިހާރަކު ހެދޭނެގޮތެއް އަޅުގަނޑަކަށް ނުވިސްނެއެވެ."

ބޭސްވެރިޔާ ދެންނެވިއެވެ. "ބައްޕަގެ ހާލުކޮޅު ބޭއަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އަޅުގަނޑު މިތަނަށް މިފޮނުއްވުނީވެސް އޭނާ ވަރަށްބޮޑަށް މަސައްކަތް ކުރައްވައިގެންނެވެ. އޭނާއަށް ފުރުޞަތެއް ލިބިވަޑައިގެންނެވިނަމަ ހީރަތަށް ވަޑައިގެން އަޅުގަނޑު ގޮވައިގެން މިތަނަށް ވަޑައިގަތީހީ އޭނާއެވެ. މުސްލިމުންގެ ލަޝްކަރާ ބެހޭގޮތުން މިލިބޭ ޚަބަރުތަކަކީ ތެދެއްކަމުގައިވާނަމަ އޭނާއަށް ޗުއްޓީ ލިބިވަޑައިގަތުން ވަކީން އުނދަގޫވާނެއެވެ. އެހެންކަމުން އަޅުގަނޑުގެ މަޝްވަރާއަކީ ދަރިފުޅު ކެތްތެރިވެވަޑައިގަތުމެވެ. ބައްޕާފުޅުގެ ހާލުކޮޅާމެދު މާބޮޑަށް އަޅުގަނޑު ކަންބޮޑުވާވަރުވެއްޖެނަމަ ހީރަތުގެ ގަވަރުނަރު މެދުވެރިކޮށް ބޭބޭފުޅު މިތަނަށް ގެނުވުމާ އަޅުގަނޑު ޙަވާލުވެދާނަމެވެ. ގަވަރުނަރުގެ ދެންނެވުމެއް ޤަބޫލުނުކުރެވި ރައްދުނުކުރެވޭނެކަން އަޅުގަނޑަށް ޔަޤީނެވެ. އަދި ޢިރާޤުގައި މުސްލިމުންގެ ކުރިއެރުން ހުއްޓުވުމަށްޓަކައި މަދާއިނުން ލަޝްކަރެއް ފޮނުވާންޖެހި އެލަޝްކަރުގައި ބޭބޭފުޅަށްވެސް ޢިރާޤަށް ވަޑައިގެންނެވޭގޮތް މެދުވެރިވުމަކީވެސް ދުރުކަމެއް ނޫނެވެ."

ماه بانو ޝުކުރުވެރިކަމުގެ ލޯފުޅަކުން ބޭސްވެރިޔާއާ ދިމާއަށް ބައްލަވައިލެއްވުމަށްފަހު އެކޮޓަރީން ބޭރަށް ނުކުމެވަޑައިގެންފިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ قبــاد ގެ ކޮޓަރިކޮޅަށް ވަޑައިގެންފިއެވެ. އޭރު قبــاد އޮންނެވީ އަވަހާރަފުޅު ލެއްޕެވިފައެވެ. އެނދުދާންކޮޅުގެ ކައިރީގައިހުރި ގޮނޑިއެއްގައި ޚާދިމާއެއް އިނެވެ. ماه بانو އެހެން ގޮނޑިކޮޅެއް ގެންނަވައިގެން ޚާދިމާގެ ގާތުގައި އިށީނދެވަޑައިގެންފިއެވެ. ޚާދިމާ ސިއްރުސިއްރުން ދެންނެވިއެވެ." ބޭސްކޮޅު ހިއްޕަވާއިރަށް އަވަހާރަފުޅު ލެއްޕެވިއްޖެއެވެ. ދެން ކަމަނާވެސް އަރާމުކުރައްވާށެވެ."

ماه بانو ޖަވާބު ދެއްވިއެވެ. "އަހަންނަށްވުރެ ބޮޑަށް އަރާމުކުރަން ބޭނުންވެފައިވަނީ ކަލެޔަށެވެ."

ޚާދިމާ ބުންޏެވެ. "އަޅުގަނޑު ދުވާލު ފުދޭވަރަށް ނިދައިފީމެވެ. ކާއޫސް އައުމުން އަޅުގަނޑުވެސް ނިދާލަފާނަމެވެ."

"އެކަމަކު އޭނާ އެދިޔައީ ކޮންތަނަކަށް ބާވައެވެ؟"

"އަޅުގަނޑަކަށްވެސް ދަންނަވާކަށެއް ނޭނގެއެވެ. ދޮރުފާރަވެރިޔާ އޭނާގެ ކަންފަތްދޮށުގައި ކޮންމެވެސް އެއްޗެކޭ ބުނުމުން އޭނާ ސިއްރުސިއްރުން ބޭރަށް ނުކުމެއްޖެއެވެ. އޭގެފަހުން އަޅުގަނޑު ކިރުތައްޓެއްބަލައި ބަދިގެއަށް ދިޔުމުން ކައްކާމީހާގެ ފަރާތުން އެނގުނީ އޭނާ މައްޗަށް އައިސް ކޮންމެވެސް މީހަކަށް ކާއެއްޗެހި ހިފައިގެން ހިނގައްޖެކަމެވެ."

"މެހުމާނަކު އައިކަމަށްވާނަމަ އޭނާ އަހަރެމެންނަށް ނޭންގީ ކީއްވެގެން ބާވައެވެ؟"

ޚާދިމާ ދެންނެވިއެވެ. "މަޑުން ވާހަކަ ދައްކަވާށެވެ. މުހިންމުކަމެއް އޮތްނަމަ އޭނާ ކަމަނާއަށް ދެންނެވީސްކަން ކަށަވަރެވެ. އަޅުގަނޑަށް ހީވާގޮތުން އެވާނީ ކޮންމެވެސް ދަތުރުވެރިޔަކަށެވެ."

ކާއޫސް މަޑުމަޑުން ފިޔަވަޅު އަޅަމުން ކޮޓަރިޔަށް ވަދެއްޖެއެވެ. އޭނާ ޖަވާބެއް ހޯދާން އެދޭކަހަލަ ބެލުމަކުން ماه بانو އާ ދިމާއަށް ބަލައިލުމަށްފަހު ކަންބޮޑުވުމާއި ހާސްކަމުގައި އިރުކޮޅަކު ހުރެލައިފައި ماه بانو އަށް އަތުން އިޝާރާތް ކުރުމަށްފަހު ބޭރަށް ނުކުމެއްޖެއެވެ.

ماه بانو ވެސް ފިކުރުފުޅު ބޮޑުވުމާއެކު ކާއޫސުގެ ފަހަތުން ނުކުމެވަޑައިގެންފިއެވެ.

"ކީއްވީހެއްޔެވެ؟ ކާއޫސް ތިޔަހައި ކަންބޮޑުވެފައި ތިޔަހަރީ ކީއްވެގެން ހެއްޔެވެ؟"

ކާއޫސް ޖަވާބު ދިނުމުގެ ބަދަލުގައި އޭނާގެ ތުންފަތުގައި އިނގިލި ޖައްސައިލިއެވެ. އެއަށްފަހު ތަންކޮޅެއް ދުރަށްގޮސް ހުއްޓިއްޖެއެވެ. ماه بانو ގެ ހިތްޕުޅު ތެޅޭން ފަށައިފިއެވެ. އިރުކޮޅެއްވާންދެން އޭނާ އެއްވެސް ޙަރަކާތެއްނެތި ހުންނެވިއެވެ. އެއަށްފަހު އޭނާ ދުވެވަޑައިގެންފައި ވަޑައިގެން ވިދާޅުވިއެވެ. "ކާއޫސެވެ. ކަލޭ އަނގައިން ނުބުނެ ތިޔަހަރީ ކީއްވެގެން ހެއްޔެވެ؟ މެހުމާނު ކޮބައިހެއްޔެވެ؟"

ކާއޫސް ماه بانو ގެ ސުވާލުގެ ޖަވާބު އެރުވުމުގެ ބަދަލުގައި ދެންނެވިއެވެ. "ބޭސްވެރިޔާ ކޮބައިތޯއެވެ؟"

"އޭނާވީ އޭނާގެ ކޮޓަރީގައެވެ. ކަލޭ އަހަރެންގެ ސުވާލަށް ޖަވާބު ނުދެނީ ކީއްވެގެން ހެއްޔެވެ؟"

"ސާހިބާ އަވަހާރަފުޅު ލައްޕަވައިފިތޯއެވެ؟"

"އާނއެކެވެ!"

"ދަރިފުޅާއެވެ. މަޑުން ވާހަކަ ދައްކަވާށެވެ. އޭނާ ވަޑައިގެންފިއެވެ!"

"ކާކުހެއްޔެވެ؟" ماه بانو ބެދެމުންދާ އަޑުފުޅަކުން ސުވާލުކުރެއްވިއެވެ.

"حسّان!"

ماه بانو އިރުކޮޅެއްވާންދެން ހުއްޓުންއަރާކަހަލަ ގޮތްކޮޅަކަށް ހުންނެވިއެވެ. ދެން އެހަމަހިމޭން ރޭގަނޑުގެ ތެރެއިން އުފެދިގެންދިޔައީ މިޔުޒިކާއި ލަވައާއި ހުނުމުގެ ސައިލެކެވެ. ماه بانو ވާހަކަދައްކަވާން ބޭނުންފުޅުވިއެވެ. ނަމަވެސް އޭނާގެ ދޫފުޅަކުން އަޑެއް ބޭރެއް ނުވިއެވެ. ހިނދުކޮޅަކަށްވުރެ ހިނދުކޮޅެއް އޭނާގެ ހިތްޕުޅުގެ ހިނގުން ދިޔައީ ހަލުއިވަމުންނެވެ. އޭނާ ތުރުތުރުއަޅާ އަތްޕުޅަކުން ކާއޫސްގެ މުލައްދަނޑީގައި ހިއްޕަވައިފިއެވެ. އޭނާ ބެދިފައިވާ އަޑުފުޅަކުން ސުވާލު ކުރެއްވިއެވެ.

"އޭނާވީ ކޮންތަނަކު ހެއްޔެވެ؟"

ކާއޫސް ޖަވާބު އެރުވިއެވެ. "އަޅުގަނޑު މިއައީ "ހާމަފުރާޅު" ގައި އޭނާ ބައިންދައިފައެވެ. އޭނާ ދަރިފުޅަށް އެބައިންތިޒާރު ކުރައްވައެވެ. ބޭސްވެރިޔާ އިންދައި އޭނާ އެތެރެއަށް ގެނައުމަކީ ރަނގަޅުކަމެއް ނޫނެވެ. އޭނާ ހުންނެވީ ވަރަށް އަވަހަށް އެނބުރި ވަޑައިގަންނަވާން ބޭނުންފުޅުވެފައެވެ. ދަރިފުޅު އަވަހަށް ވަޑައިގަންނަވާށެވެ. އަޅުގަނޑު އޭނާއަށް އަހެއް ތައްޔާރުކުރާނަމެވެ. ދަތުރުމަތީގައި އޭނާގެ އަސް މަރުވީއެވެ. ސާހިބާގެ އަރިހުގައި ބޭސްވެރިޔާ ނެތްނަމަ އަޅުގަނޑު އޭނާ ސީދާ އެތަނަށް ގެންދިޔައީމުހެވެ! ބޭސްވެރިޔާ ނިދުމުން ދަރިފުޅު އޭނާ ބައްޕާފުޅުގެ ކޮޓަރިކޮޅަށް ގެންދަވާށެވެ. އަޅުގަނޑު ބިންގަރާސް ކައިރީގައި އޭނާއަށް އިންތިޒާރު ކުރާނަމެވެ."

"އޭނާ ވަޑައިގަތީ ފައިމަގުގައި ހެއްޔެވެ؟ ދުޝްމިނުން އޭނާގެ ފަހަތްޕުޅަކުން ނާދޭހެއްޔެވެ؟ އޭނާގެ ޙާލުކޮޅު ކިހިނަކުން ހެއްޔެވެ؟"

"އޭނާ ހުންނެވީ ހެޔޮހާލުކޮޅުގައެވެ. ނަމަވެސް އޭނާގެ ވާހަކަފުޅު އަޅުގަނޑަށް ލަފާކުރެވުނުގޮތުގައި އޭނާއަށް ކޮންމެވެސް ނުރައްކަލެއްވަނީ ކުރިމަތިވެފައެވެ. އޭނާއަށް އަހެއް އެރުވުމާމެދު ސާހިބާގެ އަރިހުން އަމުރުފުޅު ހޯދޭނެނަމަ ރަނގަޅެވެ."

ماه بانو ވިދާޅުވިއެވެ. "ބައްޕާފުޅަކާ އޭނާއަށް ބައްދަލެއް ނުކުރެއްވޭނެއެވެ. ބައްޕާފުޅު އަވަހާރަފުޅު ލެއްޕެވިފައި އޮންނަވަނިކޮށް ދެންނެވުން ރަނގަޅެއް ނޫނެވެ. އަދި حسّان އަށް އަހެއް އެރުވުމަށްޓަކައި ބައްޕާފުޅުގެ އަރިހުން ހުއްދަ ހޯދުމުގެ ބޭނުމެއްވެސް ނެތެވެ. ބޮޑުބޭބެ سُهيل ގެ ވާހަކަ އޭނާއަށް ދެންނެވީން ހެއްޔެވެ؟"

"އާދޭހެވެ! ދެން ދަރިފުޅު އަވަހަށް ވަޑައިގަންނަވާށެވެ. އޭނާ ހުންނެވީ ވަރަށް ލަސްފުޅުވެފައެވެ."

ماه بانو ސިޑިޔާ ދިމާޔަށް ހިންގަވައިގެންނެވިއެވެ. އޭނާގެ ފައިންޕުޅު ތުރުތުރު އަޅައެވެ. އޭނާ މަޑުމަޑުން ދެތިން ފިޔަވަޅެއް އެޅުއްވުމަށްފަހު ދުވެވަޑައިގެންފައި "ހާމަފުރާޅަށް" ވަޑައިގެންފިއެވެ. ހަނދުމަހެއްގެ ދިހަވަނަ ރޭގެ ހަނދު ފަޒާގެ ތެރެއަށް ނޫރުގެ ދޯދިތައް އޮއްސަމުން ގެންދެއެވެ. حسّان ހުންނެވީ ސިޑީގެ ދޮރާ ދެތިން ފިޔަވަޅެއްހައި ހިސާބުގައި ފާރުބުރިއެއްގެ ކައިރީގައެވެ. އޭނާ ހުންނެވީ ޖަންގައްޔާ ދިމާޔަށް ބައްލަވާށެވެ. حسّان ކުއްލިޔަކަށް ماه بانو އާ ދިމާޔަށް އެނބުރިވަޑައިގެންފިއެވެ. ماه بانو ހުއްޓިވަޑައިގެންފިއެވެ. حسّان ކުރިޔަށް ހިންގަވައިގެންނެވިއެވެ. ماه بانو ގެ މޫނުފުޅު ހިނިފުޅުވެޑުވުމުގެ ސަބަބުން ފިނިފެންމަލެއްހެން ފޮޅިގެން ހިނގައްޖެއެވެ. ހަމައެއާއެކު އޭނާގެ ލޯފުޅުން ކަރުނަފޮދު އޮހިގެންފިއެވެ. "حسّان!" އޭނާ ޝަކުވާގެ ރާގުގައި ވިދާޅުވިއެވެ. "ކަލާ މާބޮޑަށް ލަސްކުރައްވައިފީމުއެވެ!"

حسّان އިސްދަށަށް ޖައްސަވައިލެއްވިއެވެ. އޭނާ އިރުކޮޅަކު މަޑުކޮށްލެއްވުމަށްފަހު ވިދާޅުވިއެވެ. "އަޅުގަނޑު ހިތާމަކުރަމެވެ. އަޅުގަނޑަށް އަވަހަށް އާދެވޭގޮތެއް ނުވިއެވެ. ކަލާގެ ބައްޕާފުޅުގެ ޙާލުކޮޅު ކިހިނަކުންތޯއެވެ؟"

"ބައްޕާފުޅުގެ ހާލުކޮޅު ރަނގަޅެއް ނޫނެވެ. މިއަދު ހީރަތުގެ ޙަކީމެއް ބައްޕަޔަށް ބޭސްކޮޅު ހަދާން އަތުވެއްޖެއެވެ. އޭނާ ދިން ބޭހެއްގެ ސަބަބުން އެތައްދުވަހެއްގެ ފަހުން ބައްޕަ މިހާރު އޮންނެވީ އަރާމުގައި އަވަހާރަފުޅު ލެއްޕެވިފައެވެ. އެކަމަކު ކަލާ އަޅުގަނޑުގެ ސުވާލަށް ޖަވާބެއް ނުދެއްވީމުއެވެ. މިހާދުވަސްވާންދެން ކަލާ ތިޔައުޅުއްވީ ކޮންތަނަކުތޯއެވެ؟ ކަލާއަށް އެއްވެސް ނުރައްކަލެއް ނެތްތޯއެވެ؟"

حسّان ޖަވާބު ދެއްވިއެވެ. "ކަލާ އަޅުގަނޑާމެދު ފިކުރު ބޮޑުނުކުރައްވާށެވެ. އަޅުގަނޑު މިހާރު މިއުޅެނީ ވަރަށް އަވަހަށް އެނބުރި ދާންވެގެންނެވެ."

ماه بانو ގެ މޫނުފުޅުމައްޗަށް ހިތާމައިގެ އަސަރުތައް ވެރިވެއްޖެއެވެ. އޭނާ ވިދާޅުވިއެވެ. "ބައްޕާފުޅު ކަލާގެމަތީން ވަރަށްބޮޑަށް ހަނދުމަފުޅު ކުރައްވައެވެ. ކަލާ މިތަނަށް ވަޑައިގެންފައި ބައްޕާފުޅާ ބައްދަލުނުކުރައްވައި އެނބުރި ވަޑައިގެންފިނަމަ ބައްޕާފުޅު ވަރަށްބޮޑަށް ދެރަފުޅުވާނެއެވެ. ނަމަވެސް ބަޔަކު ކަލާގެ ފަހަތްޕުޅުން އަންނަކަމުގައިވާނަމަ އަޅުގަނޑު ކަލާ ހުއްޓުވާކަށެއް ނުއުޅޭނަމެވެ."

حسّان ޖަވާބުދެއްވިއެވެ. "ހުރުމުޒުގެ މީހުން އަޅުގަނޑުގެ ފަހަތުން ނައިކަމުގައިވިޔަސް ވަރަށް ކުޑައިރުކޮޅަކު މެނުވީ އަޅުގަނޑަކަށް މިތާކު މަޑެއް ނުކުރެވޭނެއެވެ. އަޅުގަނޑު މިއައީ سُهيل ބަލައެވެ. ނަމަވެސް ކަލާގެ ނޯކަރުގެ ފަރާތުން އޭނާ މިތާނގައި ނެތްކަންވަނީ އަޅުގަނޑަށް އެނގިފައެވެ."

"ބައްޕަ އޭނާ ޒަރުބަޚުތުގެ އަރިހަށް ފޮނުއްވައިފިއެވެ. އޭނާ މިތާނގައި ހުންނެވުމަކީ ނުރައްކަލުން ހުސްވެގެންވާ ކަމެއްނޫނެވެ. އޭނާގެ ޞިއްޙަތުވެސް އެއިރަކު ރަނގަޅެއް ނޫނެވެ. އެހެންވެ ބޭބެ ވިދާޅުވީ އޭނާއަށް ފަރުވާކުރާން މަދާއިނުން ރަނގަޅު ޙަކީމަކު ލިބިދާނެކަމަށެވެ. މަދާއިނަށް ވަޑައިގަތުމާއެކު سُهيل ގެ އާލާސްކަންފުޅު ފަސޭހަފުޅުވެއްޖެއެވެ. ބޭބެ މިހާރުވަނީ އޭނާއަށް ޢަސްކަރީ ހުނަރުތައް ދަސްފުޅުކޮށް އެރުވުމުގެ އިންތިޒާމު ހަމަޖައްސަވައިފައެވެ. އޭނާ މިހާރު ހުންނަވަނީ ވަރަށް އުފާފުޅުންނެވެ. އަޅުގަނޑެކޭ އެއްގޮތަށް ޒަރުބަޚުތުވެސް އޭނާއާމެދު ބައްލަވަނީ ކޮއްކޮއެއްގެ ނަޒަރުންނެވެ. އެންމެފަހުން ވަޑައިގެންނެވިފަހަރު ޒަރުބަޚުތު ވިދާޅުވިގޮތުގައި މިހާރު އޭނާގެ ޞިއްޙަތު ރަނގަޅުކަމުން އޭނާގެ އަވަށުގެ މީހުންނަށް އޭނާ ފެނުނުކަމުގައިވިޔަސް އޭނާއަކީ ކާކުކަން އޮޅުންފިލުވާކަށެއް ނޭނގޭނެއެވެ. ބައްޕާފުޅުގެ ހާލުކޮޅު ރަނގަޅުނަމަ އަޅުގަނޑުމެން އެންމެންވެސް މަދާއިނަށް ހިނގައްޖައީމުހެވެ."

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟