މާލެ

ފީ ދައްކައިގެން ކާނިވާ ސަރަހައްދުގައި ޕާކުކުރުުމުގެ ފުރުސަތު ހުޅުވާލަނީ

އަހުމަދު އައުފް އަބްދުލް ސަމަދު

ހެންވޭރު ކާނިވާ ސަރަހައްދުގައި ފީ ދައްކައިގެން، ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމުގެ ފުރުސަތު ހުޅުވާލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ މި ފުރުސަތުގެ ދަށުން 52 ޕާކިން ސްލޮޓް ދޫކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޕާކިން ސްލޮޓަކަށް މަހަކު 3000 ރުފިޔާ ދައްކަން ޖެހޭ ކަމަށް މި އިއުލާނުގައި ވެއެވެ.

ޕާކިން ސްލޮޓު ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ފޯމު ހުށައެޅުމުގެ ފުރުސަތު މާދަމާއިން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހާއި ހަމަޔަށް ހުޅުވާލާނެ ކަމަށާއި މިކަމަށް ޚާއްސަ ފޯމެއް އެ ކައުންސިލުން ދޫކުރާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ. އެ ފޯމު ސިޓީ ކައުންސިލްގެ ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެވޭނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ކާނިވާ ސަރަހައްދުން މި ހުޅުވާލާ ހުރިހާ ސްލޮޓެއް ވެސް ދޫކުރައްވާނީ ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށެވެ.

ޕާކުކުރާނެ ތަންތަން ނުދައްކައި، ގަވާއިދާއި ހިލާފަށް ޕާކުކުރާ ވެހިކަލްތަކުގައި ސްޓިކާ ޖަހާތީ ފުލުހުންނާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ. ނަމަވެސް މި އަހަރު ފެށުނުއިރު، ޕާކުކުރުމަށްޓަކައި 11 ސަރަހައްދެއްގައި ޖާގަތައް ކަނޑައަޅައިފައިވާ ކަަމަށް ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.