ބަތަލާ ޝިލްޕާ ޝެޓީ ކުންދްރާ އަށް ދެވަނަ ކުއްޖަކު ލިބިއްޖެ އެވެ.
ޝިލްޕާ އާއި ރާޖް ކުންދްރާގެ ކައިވެންޏަށް 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ހަތް އަހަރުގެ ފިރިހެން ކުއްޖަކު ހުރެއެވެ.
ދެވަނަ ދަރިފުޅު ލިބުނު އުފާވެރި ހަބަރު އިންސްޓަގްރާމުގައި ހިއްސާކޮށް ޝިލްޕާ ވަނީ ފޭނުންނަށް ސަޕްރައިސެއް ދީފައެވެ.
ޝިލްޕާގެ ޕޯސްޓުގައި ބުނީ މިމަހުގެ 15 ވަނަ ދުވަހު އަންހެން ކުއްޖަކު ލިބިފައިވާ ކަމަށެވެ. އަދި ކުއްޖާއަށް ކީ ނަމަކީ ސަމީޝާ ޝެޓީ ކުންދްރާ ކަމަށް ވެސް ޝިލްޕާގެ ޕޯޓުގައި ވަނީ ބުނެފައެވެ. އެ ޕޯސްޓާއެކު ޝިލްޕާ ވަނީ ދަރިފުޅުގެ އަތް ފެންނަ ފޮޓޯއެއް ވެސް ހިއްސާ ކޮށްފައެވެ.
ޝިލްޕާއަށް ދަރިޔަކު ލިބޭކަން މިހާތަނަށް އޮތީ ސިއްރު ކޮށްފައެވެ. ދަރިފުޅު ހޯދީ ސަރޮގެސީކޮށްކަން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ދަރިފުޅަކީ ސަރޮގެސީ ބޭބީއެކެވެ.
ބޮލީވުޑްގައި ސަރޮގޭޓްކޮށް ދަރިން ހޯދުން ފަހަކަށް އައިސް ވަނީ އާންމުވެފައެވެ. ބޮލީވުޑް ބާދްޝާ ޝާހުރުކް ޚާންވެސް ވަނީ ސަރޮގެސީކޮށް ދަރިޔަކު ހޯދާފައެވެ.
ޝިލްޕާ މިދުވަސްވަރު އަންނަނީ އޭނާ ބޮލީވުޑަށް އެނބުރި އަންނަ ފިލްމު "ނިކަންމާ" ގެ ޝޫޓިންގައި ހަރަކާތްތެރި ވަމުންނެވެ. ފިލްމުގައި އަބިމަންޔޫ ދަސާނީ އަދި ޝާރީ ސޭޓިއާ މުހިންމު ރޯލުން ފެނިގެންދާނެއެވެ.