ޝެއިޚް އިމްރާން

ސުމިތުގެ މައްސަލައިގައި ކަންކަން ދިޔައީ އެންމެ ރަނގަޅަކަށް ނޫން: އިމްރާން

1

ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާޝިމް (ސުމިތު) ބަންދުން ދޫކޮށްލުމުގައި ކަންކަން ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސިއްދީގަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހު ހައްޔަރުކުރުމަށް ފަހު، ބަންދުގައި ބެހެއްޓުމަށް ކޯޓުން ހަތް ދުވަސް ޖަހާފައިވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ސުމިތު ވަނީ ފުލުހުންގެ ހައްޔަރުން ދޫކޮށްލައިފައެވެ.

އެ މައްސަލައާ ގުޅޭގޮތުން ޕީއެސްއެމް "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ އެ މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ހުރިކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެކަން ހިނގައިދިޔަ ގޮތް އެއީ އެންމެ ރަނގަޅު ނޫން ގޮތެއް ކަމަށް އަޅުގަނޑަށް ބުނެވިދާނެ. އެހެންނަމަވެސް އަޅުގަނޑު އެކަން ހިނގައިދިޔަ ގޮތް ފަހުން ބެލި އިރުގައި އެބޭފުޅުން އެ މައްސަލައިގެ ތަހުގީގު ނިންމެވުމަށް ފަހު، އެ މައްސަލަ ޕްރޮސެކިއުޓް ކުރުމަށް ތައްޔާރުވެފައި އޮތް ކަމަށް އަޅުގަނޑަށް ހަބަރު ލިބިފައި އޮތީ. އެހެންނަމަވެސް އޭގެ ތެރޭގައި އަދި އިތުރަށް ބަލަން ޖެހޭ ބައެއް ކަންކަން ހުރި ކަމަށް އަޅުގަނޑު ވެސް ގަބޫލުކުރަން،" އޭނާ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ އެއްވެސް ކަމެއްގައި ގޯހެއް ހެދިއްޖެ ކަމަށްވާނަމަ ނުވަތަ އެންމެ ރަނގަޅު ނޫން ގޮތުގައި ކަމެއް ކުރެވިއްޖެ ކަމަގައިވާނަމަ އެކަންކަން ރަނގަޅު ކުރުމުގެ ފުރުސަތު ލިބިގަންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު އިސް ބޭފުޅުންނާ އެކުގައި މިގެންދެވުނު މަޝްވަރާތަކުގައި ވެސް އެބަ ދަންނަވަން އަޅުގަނޑުމެންނަށް އެއް ކަމެއް ގޯސްކޮށް ކުރެވުމުން، އޭގެ މާނައަކީ ދެން ހުރި ކަމެއް ރަނގަޅު ނުކުރުމުގެ ވާހަކައެއް ނޫނޭ. އެއްވެސް ކަމެއް ގޯސްކޮށް، ނުވަތަ އޮންނަންވީ އެންމެ ރަނގަޅަށް ނުގެންދެވިއްޖެ ނަމަ، އޭގެން އިތުރަށް ފިލާވަޅެއް ލިބިގަނެ، ނުވަތަ އޭގެ މައްޗަށް ބިނާކޮށް އިތުރަށް ކަންކަން ރަނގަޅު ކުރުމަށް މަސައްކަތްކުރަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އެ މައްސަލައިގައި ސުވާލުކުރަން ޖެހޭ ނުވަތަ އެންމެ ރަނގަޅު ނޫން ގޮތަށް ހުރި ބައެއް ކަންކަން ހުރި ކަމަށާއި އެކަމަކު އެ މައްސަލައިގެ ޒާތަށް ބަލާ އިރު ޕޮލިހުގެ ބައެއް އުސޫލުތަކާ އެގޮތަށް ގެންދެވިފައިވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟