ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކިންގްސް ބާސްކެޓްބޯލް ކްލަބުން ހޯދައިފިއެވެ.
އެ މުބާރާތުގައި ރޭ ކުޅުނު ޓީރެކްސް ބާސްކެޓްބޯލް ކްލަބު އަތުން 77-71 އިން ބަލިވި ނަމަވެސް، ކިންގްސް އިން ވަނީ ލީގު ޗެމްޕިއަންކަން ހޯދައިފައެވެ. ކިންގްސްއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ ޓީރެކްސްއަށް ރޭގެ މެޗުގައި ދިހަ ޕޮއިންޓުގެ ފަރަގަކުން މޮޅުނުވެވުމުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާގައި ބޮޑު ލީޑެއް ނަގައި ޓީރެކްސް އިން އެ ލީޑު ދަމަހައްޓަމުންދިޔައެވެ. ފުރަތަމަ ތިން ކުއާޓާގައި ޓީރެކްސް އިން ލީޑު ދަމަހައްޓަމުންދިޔަ ނަމަވެސް ހަތަރުވަނަ ކުއާޓާގައި ކިންގްސް އިން ވަނީ ފަރަގު ކުޑަކޮށްފައެވެ.
އެ މެޗުގައި ޓީރެކްސްއަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ އެޓީމަށް 20 ޕޮއިންޓު ހޯދައިދިން ބިދޭސީ ކުޅުންތެރިޔާ މަލިނިޗް އެލެކްސެންޑާއެވެ. އަދި ކިންގްސްއަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ އެޓީމަށް 17 ޕޮއިންޓު ހޯދައިދިން އަހުމަދު ފިރާޝްއެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޗެމްޕިއަންކަން ހޯދީ ކުއީންސް ބާސްކެޓްބޯލް ކުލަބެވެ. އެ ކުލަބުން ޗެމްޕިއަންކަން ހޯދީ އެލީޓް ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ.