ހުތުބާ

ދީނުގެ ނަމުގައި މީހުންނަށް ބިރު ދައްކައި، އިންސާނީ ހައްގުތަކަށް އަރައިގަންނަނީ ދީން ނޭނގޭ މީހުން: ހުތުބާ

މަރިޔަމް ޝަހުދާ

ދީނުގެ ނަމުގައި އަމާންކަން ދެވިގެންވާ މީހުންނަށް ބިރު ދެއްކުމާއި އިންސާނީ ހައްގުތަކަށް އަރައިގަތުމާއި އެ ނޫންވެސް ބޮޑެތި ޖަރީމާތަކަށް އަރައިގަންނަނީ ދީން ނޭނގޭ، އިސްލާމް ދީނުގެ އުސޫލުތައް ފަހުމު ނުވާ މީހުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ، ފަސް ކަމެއް ހިމާޔަތް ކުރުމީ ސަމާވީ ހުރިހާ ޝަރީއަތްތަކެއްގެ މައިގަނޑު އަސާސް ކަމަށެވެ. މި ފަސް ކަމަކީ ދީން، ފުރާނަ، ބުއްދި، މުދާ އަދި އަބުރެވެ. މި ފަސްކަން ވަނީ އިސްލާމް ދީނުގައި ހުރުމަތްތެރި ކުރެވިފައި ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އިސްލާމް ދީނުގައި އިންސާނުން އިސްލާހުކޮށް ކަންކަން ހަމަމަގަށް އެޅުމަށް ބާރުއަޅާ ކަމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެފައެވެ. އަދި އިންސާނީ ހައްގުތަކަށާއި ބޮޑެތި ޖަރީމާތަކަށް ދީނުގެ ނަމުގައި އަރާ މީހުންނަކީ އިސްލާމް ދީނުގެ ރިވެތި ނަމާއި، އިއްޒަތާއި ޝަރަފަށް ހުރި ހުތުރެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާ ގައި ބުނެފައިވަނީ އިސްލާމް ދީނަކީ އެއްވެސް އިރެއްގައި މީހުންނަށް މަޖުބޫރު ކުރުވައިގެން، އެމީހެއްގެ ނުރުހުމުގައި އެމީހަކު ދީނަށް ވައްދަން ގޮވާނެ ދީނެއް ނޫން ކަމަށެވެ. އަދި ދުނިޔޭގެ ހުރިހާ ހިސާބަކަށް އިސްލާމް ދީން ފޯރާފައިވަނީ ކަނޑީގެ ބާރުން ނޫން ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޣައިރު މުސްލިމުންނަށްވެސް އަނިޔާވެރި ނުވުމަށް އިސްލާމް ދީން ގޮވާލާކަން ފާހަގަކޮށް، ޣައިރު މުސްލިމުންނާ މެދުވެސް އިހުސާންތެރިވުމަށް ހުތުބާގައި ގޮވާލާފައިވެއެވެ. އަދި މުސްލިމުންގެ ހިމާޔަތުގައި ދިރިއުޅޭ އެހެން ދީންތަކުގެ މީހުންނަށް ހިމާޔަތްދީ އެމީހުންނަށް ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވެސް މިއަދުގެ ހުތުބާގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން ޣައިރު މުސްލިމަކަށް ސަރުކާރުން، އަމިއްލަ ކުންފުންޏަކުން ނުވަތަ އާންމު ރައްޔިތަކު ނަމަވެސް އަމާން ދީފި ނަމަ އެ މީހަކަށް ރައްކާތެރިކަން ދިނުމަކީ އެންމެންގެ ވާޖިބެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި މިކަމަށް މިސާލު ނަންގަވާފައިވަނީ މައްކާ ފަތަހަ ކުރެއްވި އިރު އުއްމުހާނިއު އަމަލު ކުރެއްވި ގޮތުގެ މައްޗަށެވެ. އެގޮތުން އެކަމަނާގެ ގެކޮޅަށް ބައެއް މުޝްރިކުންގެ މީހުން ވަދެ އެދުވަހު ރައްކާތެރިކަން ހޯދައި، ދެ މީހަކަށް އެކަމަނާ އަމާންދެއްވާފައިވަނިކޮށް އެމީހާ ގަތުލުކުރުމަށް އަލީގެފާނު ވަޑައިގަތުމުން އަލީގެފާނަށް އެމީހުން ގަތުލުނުކުރުމަށް ރަސޫލާ އެންގެވި ކަމަށް ހުތުުބާގައި ބުނެފައިވެއެވެ. އަދި އަމާން ދީފައިވާ ބަޔަކަށް އަނިޔާކޮށް އެފަދަ ބަޔަކު ގަތުލު ކުރުމަކީ އިސްލާމް ދީނުގައި ނުބައިވެގެންވާ ބޮޑު ފާފައެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.