އީވާން ނަސީމާއި ހުސައިން ސޮލާހުގެ މަރުގެ ހަގީގަތް ހޯދަން ކޮމިޓީއެއް ހެދުމުގެ ހިތްވަރު ހަތަރު ލިޑަރުންގެ ކިބައިގައި ހުރެދާނެތޯ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ސުވާލު އަފައްދަވައިފިއެވެ.
އަދުރޭ އެކަމާ ސުވާލު އުފައްދަވައި ޓުވީޓެއް ކުރެއްވި އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން" ނަމުގައި ކޮމިޝަނެއް އުފައްދަވައިފައެވެ.
ރައީސް އޮފީހުން ބުނީ އެ ކޮމިޝަން އުފެއްދީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރިވެގެން އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކުރެވި ހުރި މައްސަލަތަކުގައި މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، ހަގީގަތް ހޯދައި، އާންމުކުރުމަކީ އިންސާފު ގާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީ ކަމަށެވެ.
އުދުރޭ ވިދާޅުވީ ޖައްވަށް، ހަވަޔަށް، ފަޒާޔަށް ބަޑި ޖެހި މައްސަލަ ވެސް ބައްލަވާނެ ކަމަށް ހީކުރައްވާ ކަމަށެވެ.
"އީވާން ނަސީމް އަދި ހުސައިން ސޮލާހުގެ މަރުގެ ހަގީގާތް ހޯދަން ކޮމިޓީއެއް ހެދުމުގެ ހިތްވަރު ހަތަރު ލީޑަރުންގެ ހުންނާނެބާ؟ ޖައްވަށް، ހަވަޔަށް، ފަޒާޔަށް ބަޑި ޖެހި މައްސަލަވެސް ބައްލަވާނެ ކަމަށް ހީކުރަން. އެފްޕީއައިޑީ އިން ގެއްލުނު ފައިސާ ވެސް ހޯދަން ވާނެ ދެއްތޯ؟ އެއީ ވެސް ރައްޔިތުންގެ ވަރަށް ބައިވަރު ފައިސާ،" އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
މާފުށީ ޖަލުގައި ބަޑި ޖެހި ހާދިސާއާ ގުޅިގެން އީވާން ނަސީމް މަރުވެފައިވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. ހުސެން ސޮލާހު، މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ 2007ގެ އޭޕްރީލް 13ގައެވެ. ސޮލާހު ފުލުހުންގެ ހައްޔަރަށް ގެންދިޔަ ނަމަވެސް، 2007ގެ އޭޕްރީލް 13ގައި އޭނާ ހައްޔަރުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ދެ ހާދިސާ ހިނގި އިރުވެސް ރައީސްކަމުގެ މަގާމުގައި ހުންނެވީ މައުމޫން އަބްދުލްޤައްޔޫމެވެ.