ކޯލިޝަން ރޫޅުމުން ރައްޔިތުންނާއި ސަރުކާރު އަދި ޕާޓީތަކަށް ވެސް ލިބެނީ ރަނގަޅު ނަތީޖާއެއް ނޫންކަން ތަޖުރިބާ ކުރެވިއްޖެ ކަމަށާއި މިހާރު އުފެދިފައިވާ ކޯލިޝަން ދެމެހެއްޓުމަށް އެންމެން އެކުގައި މަސައްކަތްކުރާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ މިދިޔަ ދެ އިންތިހާބުގައި ވެސް ކޯލިޝަނަކުން ވެރިކަން އުފެދުމަށް ފަހު ދައުރު ނިމިގެންދާ އިރު އެ ކޯލިޝަނެއް އޮންނަނީ ބައިބައިވެފައި ކަމަށެވެ.
"ޕާޓީތަކަށް ވެސް މިއަދު ވަރަށް ރަނގަޅަށް ތަޖުރިބާކުރެވިފައި ވާނެ ކޯލިޝަނަކުން ސަރުކާރު އުފެދުމަށް ފަހު އެ ކޯލިޝަން ބައިބައިވެ، ރޫޅިގެން ދިއުމަކީ އެއީ ޕާޓީތަކަށް ވެސް މަސްލަހަތު ހުރި ގޮތެއް ނޫންކަން. އަދި ރައްޔިތުންނަށް ވެސް މަސްލަހަތު ހުރި ގޮތެއް ނޫންކަން. އަދި ކޯލިޝަންގެ ޕާޓީތަކުގެ ލީޑަރުންނަށް ވެސް މަސްލަހަތު ހުރި ގޮތެއް ނޫންކަން،" އޭނާ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ކޯލިޝަންގައި ކަންތައްތައް ގޮސްފައި ހުރި ގޮތުން ލިބުނު އޭގެ މައްޗަށް ބިނާކޮށް އާ ވިސްނުންތަކަކާއި އާ ފިކުރުތަކެއް ގެންނަން ޖެހިފައިވާ ކަން ރައްޔިތުން ޝައްކު ނުކުރާނެ ކަމަށާއި މި ހިނގާ ކޯލިޝަން ސަރުކާރުގައި، ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ދެމިއޮވެ މި ދައުރު ފުރިހަމަކުރުމަށްޓަކައި ލީޑަރުން ތިބީ ވަރަށް އަޒުމު ކަނޑައަޅައިގެން ކަމަށެވެ.
"އަޅުގަނޑު ހިތުން އަޅުގަނޑުމެން ކޯލިޝަންގެ ބައިވެރިން ވަރަށް ފުންކޮށް ވިސްނާ ފިކުރުކުރަން ޖެހޭ ރައްޔިތުންނަށް އަޅުގަނޑުމެން އެކުވެގެން ކޮށްފައިވާ ވައުދުތަކެއް އެބަހުރި. ރައްޔިތުންނަށް އަޅުގަނޑުމެން އެކުވެގެން ދޭނެ ކަމަށް ބުނި ހިދުމަތްތަކެއް އެބަހުރި. އަޅުގަނޑުމެން އެކުވެގެން ރައްޔިތުންނަށް ހޯދައިދޭނެ ނަތީޖާތަކެއް އަޅުގަނޑުމެން ވައުދުތަކެއްގެ ސިފައިގައި ގެނެސްފައި އެބަހުރި،" އޭނާ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ފޯރުކޮށްދޭނޭ ކަމަށް ވައުދުވެފައިވާ ހިދުމަތްތަކުން ރައްޔިތުން މަހުރޫމުވެގެންދާ ފަދަ ގޮތަކަށް، ނުވަތަ ރައްޔިތުންނަށް އެކަންކަން ފޯރުނުކުރެވޭ ފަދަ ގޮތަކަށް އެއްވެސް ކަމެއް ބައްޓަންވެގެން ދިއުމަކީ ހިތާމަކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
"މި ދެ ތިން އަހަރު ވަންދެން އެންމެން އެކުގައި މިކުރި މަސައްކަތް އެބަ ދެމިގެންދާން ޖެހޭ މި ދައުރުގެ ނިމުމާ ހަމައަށް. އޭރުން އަޅުގަނޑަށް ޔަގީންކުރެވޭ އެބަ އިރާދަކުރެއްވިއްޔާ ރައްޔިތުން ބަލައިގަންނާނެކަން ކޯލިޝަނަކީ ވެސް ކާމިޔާބުކުރެވިދާނެ އެއްޗެއް ކަން،" އޭނާ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ކޯލިޝަން ކާމިޔާބުކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެންމެ މުހިންމު އެއް ދައުރެއް އަދާކުރައްވާ ބޭފުޅާ ކަމަށާއި ރައީސް ސޯލިހަކީ ގިނަ ބޭފުޅުންނާ އެއްކޮށް މަސައްކަތް ކުރުމުގައި ވަރަށް ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށެވެ.
"އަދި ވޭތުވެދިޔަ ތަނުގައި ކަންކަން ހިނގާފައި އޮތް ގޮތުގެ މައްޗަށް ބިނާކޮށް އެމަނިކުފާނަށް ލިބިފައި ހުރި ތަޖުރިބާއާއި އެމަނިކުފާނުގެ ކިބައިގައި އެ ހުންނެވި ޕާސަނަލް ވަކި ކަހަލަ ސިފަތަކަކީ ތަފާތު މީހުންނާ އެކުގައި މަސައްކަތް ކުރުމަށް މުހިންމު ސިފަތަކެއް. މަޑުމައިތިރި ބޭފުޅެއް، މަޝްވަރާ ކުރައްވާ ބޭފުޅެއް. އެހެން ބޭފުޅުންނާ އެކުގައި ކެތްތެރިކަމާއެކު އުނދަގޫ މައްސަލަތައް ހައްލުކުރައްވާ ބޭފުޅެއް،" އޭނާ ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ ސަރުކާރު އުފެދިގެން މިދިޔަ ދުވަސްކޮޅަށް ބަލައިފި ކަމަށްވާނަމަ ރައީސް ސޯލިހަކީ ދޫދެއްވަންޖެހޭ ތަންތަނުގައި ވަރަށް ރީތިކޮށް ދޫދެއްވުމަށް ފަހު، ތަންކޮޅެއް ހަރުކޮށް ހިފަހައްޓާލަން ޖެހޭކަން ޔަގީންވާ ތަންތަނުގައި ހިފަހައްޓާލައްވާ ބޭފުޅެއް ކަން ހާމަވެގެންދިޔަ ކަމަށެވެ. އަދި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަކީ ރައީސް ސޯލިހާއި ހުރިހާ ލީޑަރުންގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ދޫދެއްވަނީކީ ބަލިކަށިވެގެންނެއް ނޫން. މަސްލަހަތަށްޓަކައި، މަގްސަދަށްޓަކައި ދޫދެއްވަންޖެހޭ ތަންތަނުގައި ދޫދެއްވުމަކީ ކުރަންޖެހޭނެ ކަމެއް. އެހެންނަމަވެސް އެންމެންގެ ހައްގާއި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގެ ކުރިމަތީގައި ހިފަހައްޓަން ޖެހޭ، ސާބިތުވާން ޖެހޭ ވަގުތުތަކަކީ މުހިންމު ވަގުތުތަކެއް. އެހެންވީމާ އެ ސިފަ ވެސް މިހާރު އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ،" އޭނާ ވިދާޅުވިއެވެ.