ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޒަކާތާއި ޓެކްސްގެ ކަންތަކުގައި އިލްމީ ދިރާސާއެއް ކުރެއްވުމަށް ޝެއިޚް ޒައިދަށް ޝަހީމް ގޮވާލައްވައިފި

2

ޒަކާތާއި ޓެކްސްގެ ކަންތަކުގައި އިލްމީ ދިރާސާއެއް ކުރެއްވުމަށް ޝެއިޚް އަލީ ޒައިދަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެކަމުގެ އިލްމީ ދިރާސާއެއް ކުރުމަށް ޝެއިޚް ޒައިދަށް ޝަހީމް ގޮވާލައްވާފައިވަނީ ޓެކްސް ނެގޭނީ މުދަލު ޒަކާތް ނަގައި އެއިން ނުވާ ނަމަ ކަމަށް ވިދާޅުވެ، ޒައިދު ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. ޝެއިޚް ޒައިދު ވިދާޅުވީ މުދަލު ޒަކާތް އެއީ އިސްލާމްދީނުގައި ރުކުނެއް ކަމަށާއި އަސްލު ގަދަކަމުން ވެސް ސަރުކާރަށް ނަގަން ޖެހޭ އެއްޗަކީ އެއީ ކަމަށެވެ.

ޒައިދަށް ރައްދު ދެއްވަމުން ފޭސްބުކް ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ޒަކާތް ނެގިޔަސް ދައުލަތަށް މާލީ ގޮތުން ބޭނުންތައް ފުއްދުމަށް ޓެކްސް ނެގޭނެ ކަމަށާއި އެއީ ޖާއިޒު ކަމެއް ކަމަށެވެ. އަދި ޒަކާތަކީ ވަކި އަށް ބަޔަކަށް ބަހަން ގުރުއާނުގައި ކަނޑައަޅުއްވާފައި އޮންނަ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއިން މަގު ހެދުމާއި، ނަރުދަމާ ފަދަ ތަރައްގީގެ ކަންކަމާއި، މުޅި ދައުލަތް ހިންގުމާއި، ދައުލަތުގެ ނިޒާމް ވަރުގަދަ ކުރުމާއި، މިފަދަ އެތައް ކަމަކަށް ޒަކާތް ބޭނުމެއް ނުކުރެވޭނެއެވެ. ދައުލަތް ހިންގަން ޒަކާތުގެ އިތުރުން ޓެކްސް ނަގަންޖެހެއެވެ. އެ ޓެކްސް އަދުލުވެރިކަމާއެކު ބޭނުންކުރަން ޖެހޭނެއެވެ..،" އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ޓެކްސް ނެގުމަކީ ރަސޫލާގެ ހަޔާތްޕުޅާއި އުމަރުގެފާނުގެ ހަޔާތްޕުޅުން ވެސް އޭގެ އަސްލުތައް ފެންނަ އޮތް ކަމެއް ކަމަށާއި ޒަކާތާއި ޓެކްސްގެ ނިޒާމަކީ އިސްލާމީ ގައުމުތަކުގައި އަމަލުކުރާ ނިޒާމެއް ކަމަށެވެ.

"އޭގައި ޖެހޭނީ ވިޔަފާރިވެރިންނަށް ފަސޭހަވާނެ ގޮތަށް ގާނޫނަށް ކުޑަ އިސްލާހެއް ގެންނާށެވެ. ޒަކާތަށް ދައްކާ ބައި ޓެކްސް އިން އުނިވާ ގޮތަށް ވެސް ހެދިދާނެއެވެ. މިކަމަކީ ކުރެވިދާނެ ކަމެކެވެ. މިފަދަ ކަންކަމުގައި އިތުރަށް އިލްމީ ދިރާސާއެއް ކުރުމަށް އަލީ ޒައިދުގެ އަރިހުން އެދެން،" ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟