އަލީ ޔާމިން
އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރަށް މިނިމަމް ވޭޖް ބޯޑުން ލަފާ ދީފައި ވަނީ 6،400 ރުފިޔާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ފައްޔާޒް، މިރޭ ވިދާޅުވީ އެޑްވައިޒަރީ ބޯޑުން ލަފާދީފައިވަނީ 6،400 ރުފިޔާ އާންމުކޮށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައެޅިދާނެ ކަމަށެވެ. އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދިނުމަށް ލަފާދީފައިވަނީ 8400-6400 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބޯޑުން މި އަދަދު އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ކަނޑައަޅަން ލަފާދިން ނަމަވެސް، އެކަމާ ގުޅޭ ގޮތުން ކަމާ ގުޅުން ހުރި ދާއިރާތަކަކާ މަޝްވަރާ ކުރައްވާފައި ވާނެ ކަމަށެވެ. އެ ގޮތުން މުސާރަ ދޭން ތިބި ފަރާތްތަކަށް ވެސް މިއީ ދެވިދާނެ އަދަދުތަކެއްތޯ ބަލަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ވަޒީފާ އަދާކުރާ ފަރާތްތަކަށް ދޭނެ އެންމެ ކުޑަ އުޖޫރަ (މިނިމަމްވޭޖް) ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯއްދެވުމަށް މިނިސްޓަރު ފައްޔާޒް ވަނީ މިމަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަަށް ހުށަހަޅުއްވާފައެވެ.
އެގޮތުން މިނިމަމްވޭޖާ ބެހޭގޮތުން، ސެލެރީ އެންޑް ވޭޖް އެޑްވަޒީބޯޑުން ހުށަހަޅާފައިވާ ރިޕޯޓާއި، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން ހުށަހަޅާފައިވާ ރިޕޯޓާއި ސްޓޭކްހޯލްޑާސްއާ ބެހޭ ގޮތުން މިނިސްޓްރީން ބޭއްވި ބައްދަލުވުންތަކުން ފާހަގަ ކުރެވުނު ކަންތައްތަކާއެކު ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ބެހޭގޮތުން ފާހަގަ ކުރެވޭ ކަންތައްތައް މިނިސްޓަރު ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަން ވޭޖު ކަނޑައެޅުމަކީ މި ސަރުކާރުގެ މުހިންމު ވައުދެކެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ މިކަމުގައި ފައިނަލް ގޮތެއް ނިންމަވާނީ ރައްޔިތުންގެ މަޖިލީހުގެ ލަފަޔާއި އެއްގޮތަށް ކަމަށެވެ.