އަހްމަދު އަދީބު އަބްދުލްގަފޫރު

އަދީބު ގެޔަށް ބަދަލުކުރުމަށް އެޗްއާރްސީއެމް އިން ކަރެޝަންސްއަށް އަންގައިފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގެޔަށް ބަދަލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އަންގައިފިއެވެ.

އަދީބު ގެޔަށް ބަދަލުކުރުމަށް އެޗްއާރުސީއެމް އިން ކަރެކްޝަންސްއަށް އެންގިކަން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ "ވަން އޮންލައިން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ނަޝްވާ ވިދާޅުވީ އަދީބު ގެޔަށް ބަދަލުކުރުމަށް އެޗްއާރްސީއެމް އިން ކަރެކްޝަންސްއަށް އެންގީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އެކަމުގައި ކަރެކްޝަންސްގެ ރަސްމީ ބަހެއް އަދި ލިބިފައިނުވާ ކަމަށެވެ.

"އަދީބު ގެޔަށް ބަދަލުކުރުމަށް އެޗްއާރްސީއެމް އިން ކަރެކްޝަންސްއަށް ވަނީ އަންގާފައި. އެކަމުގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

ނަޝްވާ ވިދާޅުވީ އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަތަކެއް ނެގުމަށް މިދިޔަ ހޯމަ ދުވަހު ކުރި އޮޕަރޭޝަނަށް ފަހު އަދިވެސް ވަރަށް ބޮޑަށް އިންފެކްޝަން އުޅޭ ކަމަށާއި އަދީބު އަދިވެސް އެންޓިބަޔޯޓިކްސް ބޭނުންކުރަމުންދާ ކަމަށެވެ. އަދި އަދީބުގެ ހާލަތު މިހާ ގޯސްވެފައިވަނީ ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ކަރެކްޝަންސް އާއި ފުލުހުން އަމަލުނުކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އަހްމަދު ލުގުމާން "ވަން އޮންލައިން"އަށް ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި އަދީބު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ކަރެކްޝަންސް މިހާރު ހަމައެކަނި ބަލަހައްޓަމުން ދަނީ އަދީބުގެ ބޭސްފަރުވާގެ ކަންތައްތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދީބަށް އިއްވާފައިވާ ޓެރަރިޒަމްގެ ޖަލު ހުކުމްގެ އިސްތިއުނާފް އަޑުއެހުން މާދަމާ ފެށުމަށް ތާވަލުކޮށްފައިވީ ނަމަވެސް، އަދީބުގެ ސިއްހީ ހާލަތު ހުރި ގޮތުން އަދީބަށް ކޯޓަށް ހާޒިރު ނުވެވޭނެ ކަމަށް ނަޝްވާ ވަނީ ވިދާޅުވެފައެވެ. އެކަން ވަކީލުން މެދުވެރިކޮށް ކޯޓަށް އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ މައްސަލަ ހައި ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:15ގައި ބާއްވާ ގޮތަށެވެ. އަދީބު އަދިވެސް އޮންނެވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައެވެ.

ތަފާތު ކުށްތަކުގައި އަދީބު 33 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ އިރު، ޓެރަރިޒަމްގެ މައްސަލައިގައި އަދީބުގެ މައްޗަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވެ އަދީބަށް 15 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރައްވާފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގައެވެ.

އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ހުކުމް އިއްވާފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދަތުރުކުރެއްވި ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާގެ ކުށް ސާބިތުވުމުންނެވެ.