އުމަރު ނަސީރު

އެމްޑީޕީ ސަރުކާރަކީ ކުރީ ސަރުކާރަށް ވުރެ ކޮރަޕްޓް ސަރުކާރެއް: އުމަރު ނަސީރު

މަރިޔަމް ޝަހުދާ

އެމްޑީޕީ ސަރުކާރަކީ ކުރީ ސަރުކާރަށް ވުރެ ކޮރަޕްޓު ސަރުކާރެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު މިހެން ވިދާޅުވެފައިވަނީ އާ ސީޕްލޭން ޓަމިނަލްގެ މައްސަލައިގައި ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން އޭނާ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

އެގޮތުން ޓީއެމްއޭގެ މައްސަލަ ނިންމި ގޮތުގެ އިތުރުން ގުޅުން ހުރި ކުންފުނިތަކަށް ސަރުކާރުން ދޭ ފައިސާގެ ބޮޑެތި ބަދަލުތަކުން ކުރީ ސަރުކާރަށް ވުރެ މި ސަރުކާރު ކޮރަޕްޓުކަން ޔަގީންވާ ކަމަށް އުމަރު ވިދާޅުވިއެވެ.

ކޮންމެ ބަޔަކުވެސް ވެރިކަމަށް އައިސް ދުނިޔެވީ އެދުންތަކަށް ލެނބި މިސްރާބު ގެއްލޭ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ވެރިކަމަށް އައުމަށް ކުރާ ވައުދުތަކުގެ މަތިން ހަނދާން ނެތޭ ކަމަށާއި މިކަމުގެ ހިތި ނަތީޖާ 2023ގެ ވޯޓުފޮށިން ފެނިގެންދާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިރާއްޖެ ދާންވީ މުޅިން އާ މިސްރާބަކަށް ކަމަށެވެ. އަދި މިހާރު އުޅޭ ސިޔާސީ ލީޑަރުން އިންތިހާބުކޮށްގެން ލިބޭނީ އެއް ނަތީޖާއެއް ކަމަށް ވެސް ވިދާޅުވިއެވެ.