ދިވެހި އިންޝުއަރެންސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރަކަށް އެލައިޑު އިންޝުއަރެންސްގެ ކުރީގެ އެމްޑީ އަހުމަދު އަމީލް ފާއިޒް ހަމަޖައްސައިފިއެވެ.
ދިވެހި އިންޝުއަރެންސްގެ އެމްޑީ ކަމަށް އަމީލް އައްޔަނު ކޮށްފައިވަނީ މިއަދުއެވެ. ދިވެހި އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ކުރިން ހުންނެވީ އެލައިޑު އިންޝުއަރެންސްގެ އެމްޑީކަން ދިގު މުއްދަތަކަށް ކުރެއްވި އަބްދުލް ވާހިދު ތައުފީގެވެ.
އަމީލަކީ މެލޭޝިއަން އިންޝުއަރެންސް އިންސިޓިއުޓުން އެ ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަމީލް އަކީ އެލައިޑު އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން އެ ކުންފުންޏަށް ހިދުމަތް ކޮށްދެއްފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެލައިޑުގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.
ދިވެހި އިންޝުއަރެންސް ކުންފުނިން ރަސްމީކޮށް ހިދުމަތް ދޭން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުއެވެ.