އަހްމަދު އަދީބު އަބްދުލްގަފޫރު

އަދީބަށް އިއްވާފައިވާ ޓެރަރިޒަމް ހުކުމް އިސްތިއުނާފް އަޑުއެހުން މާދަމާ ފަށަނީ

އަހުމަދު ޖައިޝަން

ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިއްވާފައިވާ ޓެރަރިޒަމްގެ ޖަލު ހުކުމްގެ އިސްތިއުނާފް އަޑުއެހުން މާދަމާ ފެށުމަށް ތާވަލުކޮށްފި އެވެ.

އަދީބުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާއިރު އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:15 އަށެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ "ވަން އޮންލައިން" އަށް ވިދާޅުވީ މާދަމާގެ އަޑުއެހުން ތާވަލުކުރެއްވި ނަމަވެސް އަދީބުގެ ސިއްހީ ހާލަތު ހުރި ގޮތުން އަދީބަށް ކޯޓަށް ހާޒިރު ނުވެވޭނެ ކަމަށެވެ.

"އެނގިލައްވާނެ އަދީބު އޮތީ އަދިވެސް އެޑްމިޓް ކުރައްވާފައި. އެހެން ވީމަ މާދަމާ ލޯޔަރުން ހާޒިރުވާނެ އަޑުއެހުމަށް ހާޒިރު ނުވެވޭނެ ކަމުގެ ލިޔުން ހަވާލުކުރައްވަން،" ނަޝްވާ ވިދާޅުވިއެވެ.

އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަތަކެއް ނެގުމަށް މިދިޔަ ހޯމަ ދުވަހު ވަނީ އޮޕަރޭޝަނެެއް ކުރައްވާފައެވެ. އަދި އެއަށްފަހު އަދީބު އަދިވެސް އޮންނެވީ އެޑްމިޓުކުރައްވާފައި ކަމަށް ނަޝްވާ ވިދާޅުވިއެވެ.

ތަފާތު ކުށްތަކުގައި އަދީބު 33 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާއިރު ޓެރަރިޒަމްގެ މައްސަލައިގައި އަދީބުގެ މައްޗަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ އަދީބަށް 15 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރައްވާފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގައެވެ.

އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ހުކުމް އިއްވާފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދަތުރުކުރެއްވި ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާގެ ކުށް ސާބިތުވުމުންނެވެ.