އޭއެފްސީ ކަޕް

އަމިއްލަ ދަނޑުގައި މޮޅުވާން މަސައްކަތްކުރާނަން، އެކަމަކު މާޒިޔާގެ ޑިފެންސް ވަރަށް ވަރުގަދަ: ބެންގަލޫރުގެ ކޯޗު

އަމިއްލަ ދަނޑުގައި ކުޅޭ މެޗުން މޮޅުވާން މަސައްކަތްކުރާނެ ކަމަށާއި ނަމަވެސް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ޑިފެންސް ވަރަށް ވަރުގަދަ ކަމަށް އިންޑިއާގެ ބެންގަލޫރު އެފްސީގެ ސްޕެއިން ކޯޗު ކާލޮސް ކުއަޑްރެޓް ޒިކުއެސް ބުނެފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ޕްލޭއޯފްގެ ފުރަތަމަ ލެގު މެޗުގައި 2-1ގެ ނަތީޖާއަކުން ބެންގަލޫރު އެފްސީ ބަލިކޮށް، މާޒިޔާ އިން ވަނީ އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުގެ ފުރުސަތު ބޮޑުކޮށްފައެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބެންގަލޫރުގެ ކޯޗު ބުނީ މާޒިޔާ އިން ފުރަތަމަ ލެގު މެޗުން މޮޅުވެފައި އޮތުމުގެ ސަބަބުން ބެންގަލޫރުން ލަނޑެއްޖެހިޔަ ނުދީ ހިފަހައްޓަން ބޭނުންވާނެ ކަމަށާއި ނަމަވެސް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ މޮޅުވާން މަސައްކަތްކުރާނެ ކަމަށެވެ.

"އަމިއްލަ ސަޕޯޓަރުންނާއެކު ރަނގަޅު ނަތީޖާއެއް ނެރުމަށް އަހަރެމެން މަސައްކަތްކުރާނަން. އެކަމަކު މާޒިޔާއާ ދެކޮޅަށް ކުޅެ މޮޅުވާން އުނދަގޫވާނެ. މާޒިޔާ އިން ވަރަށް ރަނގަޅަށް ޑިފެންސް ކުރޭ. އެޓީމުން އަހަރެމެން ލަނޑެއްޖެހިޔަ ނުދީ ހިފަހައްޓަން މަސައްކަތްކުރާނެ،" އޭނާ ބުންޏެވެ.

ބެންގަލޫރުގެ ކޯޗު ބުނީ ހޫނުގެ ސަބަބުން ޓީމުގެ ކުޅުންތެރިންނަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި އަބަދުވެސް އެޓީމަށް ރާއްޖޭގައި ކުޅެން އުނދަގޫވާ ކަމަށެވެ.

ޕްލޭއޯފްގެ ދެވަނަ ލެގު މެޗުގައި މާޒިޔާއާ ދެކޮޅަށް ބެންގަލޫރު ނުކުންނަން ޖެހޭނީ އަންނަ ބުދަ ދުވަހުއެވެ. އިންޑިއާގައި ކުޅޭ އެ މެޗަށްފަހު އެގްރިގޭޓުން ކުރި ހޯދާ ޓީމަކަށް އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުން ޖާގަ ލިބޭނެއެވެ. އެގްރިގޭޓުން ކުރި ހޯދާ ޓީމު ވާދަކުރަން ޖެހޭނީ އޭއެފްސީ ކަޕުގެ "ގްރޫޕު އީ"ގައެވެ. އެ ގްރޫޕުގައި ހިމެނެނީ އިންޑިއާގެ ޗެމްޕިއަން ޗެންނާއީ އެފްސީ އާއި ބަންގުލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަދި ރާއްޖޭގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބެވެ.